މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅި ފޯމުތަކުގެ ތެރެއިން މައުލޫމާތު ފުށޫއަރާ ކަމަށް ވެރިފިކޭޝަން މަރުހަލާގައި ފާހަގަކުރެވޭ މީހުންނަށް، އެކަންކަން ރަނގަޅުކުރުމަށް ދެވޭ 21 ދުވަހުގެ މުއްދަތު ގުނަން ފަށާނީ "ބޯހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށް އެ މީހަކަށް އެކަން އަންގާ ދުވަހުން ފެށިގެން ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ކަމާބެހޭ އިދާރާތަކާ ގުޅިގެން ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، މައްސަލައެއް އުޅޭ ނަމަ އެކަން ފޯމުގައިވާ ފޯނު ނަމްބަރަށް މެސެޖެއްގެ ޒަރީއާއިން އަންގައި، މައުލޫމާތު ސާފުކޮށްދިނުމާއި ލިޔެކިޔުންތައް ހުށަހެޅުމަށް ތިން ހަފުތާގެ މުއްދަތެއް ލިބޭނެ ކަމުގައި އެ ވުޒާރާއިން ވަނީ ބުނެފައެވެ. އެންމެ ފުރަތަމަ ދިން 7 ދުވަހުގެ މުއްދަތު 21 ދުވަހަށް އިތުރުކޮށްފައިވާއިރު، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އިތުރަށް ވިދާޅުވީ ލިސްޓު ޕްރޮސެސްކުރަމުންދާއިރު ޖަވާބުދާރީވާންޖެހޭ ކަމެއް ފާހަގަވާ ވަރަކުން މީހުންނަށް އަންގަމުންދާނެ ކަމަށެވެ.
މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު މިދިޔަ ޖޫން މަހުގެ 15 އަށް ހަމަވިއިރު، "ބޯހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށް ޖުމްލަ 58،505 ފޯމު ވަނީ ހުށަހަޅާފައެވެ. އެއީ ފްލެޓަށް އެދި ހުށަހެޅި 35،930 ފޯމާއި، ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމެވެ. ހައުސިން މިނިސްޓްރީން ބުނެފައިވަނީ، މިނިސްޓްރީން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ފާހަގަކޮށްފައިވާ މައްސަލައަށް ޖަވާބެއް ނުވަތަ އިސްލާހެއް ހުށަނާޅައިފިނަމަ، އެ އެޕްލިކޭޝަނަކީ ޝަރުތު ހަމަނުވާ ނުވަތަ ލިޔެކިޔުން ފުރިހަމަނުވާ ފޯމެއްގެ ގޮތުގައި ބެލެވޭނެ ކަމަށެވެ.
ގޯއްޗާއި ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު މިއަހަރުގެ ޑިސެމްބަރު މަހުގެ މެދުތެރޭގައި އާންމުކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، ކްރޮސް ވެރިފިކޭޝަންގެ މައުލޫމާތުތައް ޕޯޓަލް މެދުވެރިކޮށް އަންގަމުންދާތީ ގަވާއިދުން ޕޯޓަލް ބެލުމަށް ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް ވަނީ އެދިވަޑައިގެންފައެވެ. މި މަޝްރޫއުގެ ފުރަތަމަ ބުރުގެ ދަށުން 7,900 ފްލެޓާއި 15,000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، އެކި ކުންފުނިތަކާ ހަވާލުކޮށްގެން ފަށާފައިވާ ފްލެޓުތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި އެއްކޮށް ނިންމާލެވޭނެއެވެ. މީގެ އިތުރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ހިއްކަމުންދާ ރަސްމާލެއިން 25،000 ގޯތި ދޫކުރުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ.









