މިނިސްޓްރީ އޮފް ހައުސިންގް، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓްއިން އެއްވެސް ލިޔެކިޔުމެއް މަދުވެފައި ނުވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
ފުލުހުން ބުނީ، ހައުސިންގް މިނިސްޓްރީގެ ރަސްމީ ލިޔެކިޔުންތަކެއް އަޅާފައި ހުރި ލޮކަރުތަކެއް، އޮންނަ އުސޫލުން ބޭރުން ހުޅުވާފައިވާ ކަމަށް އެ މިނިސްޓަރީން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެގޮތުން، މި މައްސަލައާ ގުޅޭ ރިޕޯޓް އެ މިނިސްޓަރީގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވަނީ ހުކުރު ދުވަހުގެ ރޭ 19:18 ހާއިރު އެވެ.
މި ރިޕޯޓު ލިބުމާ ގުޅިގެން ފުލުހުން ވަނީ ވަގުތުން އެ މިނިސްޓްރީއަށް ގޮސް، ކަންހިނގާފައިވާ ގޮތް ބަލައި ޗެކްކޮށްފަ އެވެ. އަދި ފުލުހުންގެ ހާޒިރުގައި އެ މިނިސްޓްރީގެ މުވައްޒަފުން އެ ލިޔެކިޔުންތައް ބަލައި ޗެކްކުރިއިރު، އެއްވެސް ލިޔުމެއް އަދި އެހެން އެއްޗެއްވެސް މަދުވެފައި ނުވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
ފުލުހުން މިކަން ސާފުކޮށްދީފައި މިވަނީ، ހައުސިންގް މިނިސްޓްރީގެ މުހިންމު ލިޔެކިޔުންތަކެއް ހުރި ލޮކަރުތަކެއް ހުޅުވާފައި ހުރި ކަމަށް ބުނެ، ބައެއް މީސް މީޑިއާގައި ތަފާތު ހަބަރުތަކެއް ފެތުރެމުންދިޔަ ދަނޑިވަޅެއްގަ އެވެ.









