މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މަނީ އެކްސްޗޭންޖް ލައިސަންސް ނެތި، ގާނޫނާ ހިލާފަށް ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކުރައްވައިފިއެވެ.
ފުލުހުން ވިދާޅުވީ މިފަދަ މައްސަލަތައް ތަހްގީގުކުރުމަށް އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯސްއަށް އެ މައުލޫމާތުތައް ހިއްސާކުރެވޭނެ ކަމަށެވެ. އެގޮތުން ޓާސްކްފޯސްގެ އޮޕަރޭޝަން ނަންބަރު 9388733 އަށް އެސްއެމްއެސް، ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް މައުލޫމާތު ފޮނުވޭނެ ކަމުގައި އެއިދާރާއިން ހާމަކުރިއެވެ. މައުލޫމާތު ދޭ ފަރާތްތަކުގެ ވަނަވަރު ފުރިހަމައަށް ރައްކާތެރިކޮށްދޭނެ ކަމަށާއި، އެފަރާތްތަކުން ތަހްގީގީ އެއްވެސް އިޖުރާއަތެއްގައި ބައިވެރިވާން ނުޖެހޭނެ ކަމުގެ ޔަގީންކަންވެސް ފުލުހުން ދެއްވައެވެ.
ރާއްޖޭގެ ބޭންކިން ނިޒާމުގެ ބޭރުން ކަޅު ބާޒާރުގައި ފައިސާ މާރުކުރުމުގެ ސަބަބުން ބޭންކުތަކުން ބޭރު ފައިސާ ލިބޭ މިންވަރު ދަށްވެ، މުދަލުގެ އަގުތައް އުފުލިގެންދާކަން ފާހަގަކުރެވެއެވެ. ސަރުކާރުގެ އަމާޒަކީ ގާނޫނަށް ގެންނަ އިސްލާހުތަކާއެކު މި މައްސަލައަށް ހައްލެއް ހޯދައި، ރައްޔިތުންނަށް ކަނޑައެޅިފައިވާ ރަސްމީ ރޭޓުގައި ބޭރު ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމެވެ.








