މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި 9 އަހަރުގެ ޒީވާ ސިނާން އަހްމަދުގެ ގައިގައި އެހެން ކާރަކުން ޖެހިފައިވާކަމަށް ބެލެވޭކަމުގައި ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ. ވިނަރެސް-7 ކައިރީގައި ހިންގި ހިތާމަވެރި ހާދިސާގައި ޒިވާ ނިޔާވީ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުންދަނިކޮށް އިއްޔެ ފަތިހުގެ ވަގުތެއްގައި އައިޖީއެމްއެޗްގައެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގުކުރަން ފަށާފައިވާއިރު އެ އިދާރާއިން ބުނެފަވަނީ އެ ހާދިސާ ހިންގި ސަރަހއްދުގެ ވީޑިއޯ ފުޓޭޖުތަކާއި އެކްސިޑެންޓު ސީނުން ތަހުގީގަށް މިހާތަނަށް އެންގިފައިވާ ގޮތުގައި، އެކްސިޑެންޓް ހިނގަން މެދުވެރިވީ މަގުގެ އެއްފަރާތުގައި މަޑުކޮށްފައި އޮތް ކާރެއްގެ ޑްރައިވަރު، ކާރަށް އަރަން އުޅުމުގެ ތެރޭގައި ބާރު ސްޕީޑުގައި އައި ސައިކަލު އޭނާގެ ގައިގައެވެ. އެވަގުތު އެ ކާރު އޯވަޓޭކް ކުރަން ދިޔަ ސައިކަލު އެމީހާގެ ގައިގައި ޖެހި، ސައިކަލު މަގުގެ ކަނާތްފަރާތު ލޭނަށް ވެއްޓުނު ކަމަށްވެސް ހާމަކުރިއެވެ.
ފުލުހުން ބުނީ އެވަގުތު އެ ލޭނުން ދުއްވާފައި އައި އެހެން ކާރެއް، ސައިކަލުން ވެއްޓުނު، ކުޑަކުއްޖާގެ ގައިގައި ޖެހިފައިވާކަމަށް ނުވަތަ އެ ކުއްޖާގެ ގައިމައްޗަށް ކާރު އަރާފައިވާކަމަށް ތަހުގީގަށް ބެލެވޭ ކަމަށެެވެ. އެގޮތަށް ދިމާވީ ކާރަށް ކުއްލިއަކަށް މަޑުކުރަން ފުރުސަތު ނުލިބުމުން ކަމަށް ބެލެވޭ ކަމުގައި އެ އިދާރާއިން ބުނެއެވެ.
ނިޔާވި ކުއްޖާގެ ގައިގައި އެ ކާރުން ޖެހުނުކަން ނުވަތަ އެ ކާރު އެކުއްޖާގެ ގައިމައްޗަށް އަރާފައިވާކަން ކަށަވަރުކުރުމަށްޓަކައި ފޮރެންސިކް ތަހުލީލުތައް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފިއެވެ.
މި މައްސަލައާ ގުޅިގެން، އެކްސިޑެންޓުގައި ހިމެނޭ 3 އުޅަނދު ޓޯކޮށް، އެ އުޅަނދުތައް ދުއްވި 3 މީހުންގެ ލައިސަންސްވެސް ވަނީ ހިފަހައްޓާފައެވެ. އަދި މަޑުކޮށްގެން އޮތް ކާރުގެ ޑްރައިވަރު އެ އުޅަނދު ދުއްވާފައިވަނީ އޭނާގެ ލައިސަންސް ކުރިންވެސް ހިފަހައްޓާފައި ވަނިކޮށް ކަމަށްވާތީ، ފުލުހުން ވަނީ އޭނާ ޖޫރިމަނާކޮށް ފިޔަވަޅު އަޅާފައެވެ.









