ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިދިޔަ ހޮނިހިރު ދުވަހު ހިންގި އެކްސިޑެންޓުގައި ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ 9 އަހަރުގެ ކުއްޖާ ރޭ ފަތިހު ނިޔާވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓުގައި އެ ކުއްޖާގެ ބައްޕަ ވަނީ އެކުއްޖާ ނިޔާވެއްޖެ ކަމުގެ ހަބަރު ހިއްސާކޮށްފައެވެ.
އެކްސިޑެންޓުވެ ހޮސްޕިޓަލަށް ގެންދިޔައިރުއްސުރެ އެ ކުއްޖާއަށް ފަރުވާދެމުން އައީ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައެވެ. އެ އެކްސިޑެންޓުގައި އެ ކުއްޖާގެ ބޮލަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައި ވެއެވެ.
އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ދިރާސާ ކުރުމަށް ފަހު، ފުލުހުން ބުނެފައި ވަނީ އެކްސިޑެންޓު ހިނގީ ވިނަރެސް ހަތެއްގެ ކައިރި އަށް މަޑުކޮށްފައި އޮތް ކާރަކަށް އަރަން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލުން ޖެހިގެން ކަމަށެވެ. ފުލުހުން ވިދާޅުވީ ހުޅުމާލެ ފޭސް 2، ހިތިގަސްމަގު، ވިނަރެސް 7 ކައިރިން އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު ރިޕޯޓްކުރީ، ހޮނިހިރު ދުވަހުގެ ރޭ 21:04 އެހައިކަންހާއިރުކަމަށެވެ.
މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ވަނީ ދެ ކާރެއް ޓޯކޮށްފައެވެ. ތަހުގީގަށް ބޭނުންވާ ހެކިތައް ހޯދުމަށް ޓޯކުރީ ފުލުހުން ބުނެފައިވާ ގޮތުގައި އެ އެކްސިޑެންޓު ހިނގި ސަރަހައްދުގެ ފޮޓޯއިން ފެންނަން އޮތް ރީނދޫ ކުލައިގެ ކާރަކާއި ހުދު ކުލައިގެ ކާރެވެ.









