ސިނަމާލެ ބްރިޖުގައި ނުރައްކާތެރި ގޮތަކަށް ޒުވާނަކު ސައިކަލު ދުއްވާތަން ދައްކުވައިދޭ ވީޑިއޯއެއް އާއްމުވެ، ފުލުހުންގެ ސަމާލުކަމަށް އައުމާއެކު، އެ އުޅަނދުގެ މައުލޫމާތާއި އުޅަނދު ދުއްވި ޒުވާނާ ދެނެގަނެ އޭނާ އަށް ފިޔަވަޅު އަޅައިފި ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

މި މައްސަލައާ ގުޅިގެން އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކުގަވާ ގޮތުގެ މަތިން ގަވާއިދާ ހިލާފަށް ދުއްވި އުޅަނދު 30 ދުވަހުގެ މުއްދަތަށް ވަނީ ޓޯކޮށްފައެވެ. އަދި އުޅަނދު ދުއްވި ފަރާތުގެ ލައިސެންސް ހިފަހައްޓައި މަގުމަތީގެ ރައްކާތެރިކަމަށް ބުރޫއަރާ ގޮތަށް ދުއްވުމާ ގުޅިގެން ގަވާއިދުގެ ތެރެއިން އޭނާ ވަނީ ޖުރިމަނާ ކޮށްފައި ކަމަށްވެސް އެ އިދާރާއިން ހާމަކުރިއެވެ.

މަގުމައްޗަކީ އެންމެންނަށްވެސް ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި އެއްގަމުގެ ދަތުރުފަތުރުގެ ގަވާއިދުތަކަށް ފުރިހަމައަށް ބޯލެންބުމަށް ފުލުހުން އިލްތިމާސްކުރެއެވެ. އަދި އާންމުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް އުޅަނދުފަހަރު ދުއްވާ ފަރާތްތަކާމެދު ގާނޫނީގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަބަދުވެސް އަޅަމުންދާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.