ށ. ފަރުކޮޅުގެ ނާޒުކު ތިމާވެށްޓާއި އެ ސަރަޙައްދުގެ ޤުދުރަތީ ދިރުންތައް ޙިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި މޮނިޓަރ ކުރުމަށްޓަކައި ޚާއްޞަ އުޅަނދެއް އެ ރަށަށް ގެންގޮސްފިއެވެ. "ފަރުކޮޅު ރޭންޖަރ" ގެ ނަމުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ މި އުޅަނދަކީ އެ ސަރަޙައްދުގެ ވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކަށް ޚާއްޞަކޮށްގެން ގެންދެވުނު އުޅަނދެކެވެ.
މި އުޅަނދަކީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ "ކެޓަނޭޓް" ޕްރޮޖެކްޓުގެ ދަށުން، ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) އާއި އިންޓަރނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން) އިން ރާއްޖެއަށް ލިބުނު އެހީގެ ދަށުން ހަމަޖެހިފައިވާ އުޅަނދެކެވެ. މި އުޅަނދު އެ ސަރަޙައްދަށް ލިބުމާއެކު، ތަމްރީނު ލިބިފައިވާ ރޭންޖަރުންގެ ޓީމަކުން ފަރުކޮޅާއި އޭގެ ވަށައިގެންވާ ކަނޑުގެ ސަރަޙައްދު ޕެޓްރޯލްކޮށް، ޤަވާޢިދުން ބެލެހެއްޓުމުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޙިމާޔަތްކޮށްފައިވާ 90 އަށްވުރެ ގިނަ ސަރަޙައްދު އޮތްއިރު، އެ ތަންތަން އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓުމަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އާ ގުޅިގެން ސަރުކާރުން ވަނީ "ބޭސިކް ރޭންޖަރސް ކޯހެއް" ވެސް ކާމިޔާބުކަމާއެކު ހިންގާފައެވެ. މިއަހަރު ނިމުމުގެ ކުރިން ރޭންޖަރުންގެ އަދަދު ދެގުނަކޮށް، ކޮންމެ ކައުންސިލެއްގައި ރޭންޖަރަކު ބެހެއްޓޭގޮތަށް ބަޖެޓު ހަމަޖައްސާ، ތަމްރީނު ދިނުމުގެ އިންތިޒާމުތައް ރާވަމުން އަންނަކަމުގައި އެ ވުޒާރާއިން ވިދާޅުވިއެވެ.
ހިމާޔަތްކޮށްފައިވާ ސަރަޙައްދުތައް އިތުރަށް ބަލަހައްޓައި، އެތަންތަނުން އިޤްތިޞާދީ ގޮތުން ނަފާ ހޯދުމަށް ސަރުކާރުން އަންނަނީ ޚާއްޞަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، ތިމާވެށްޓަށް ގެއްލުން ނުވާނެހެން ދެމެހެއްޓެނިވި އުޞޫލުން މިސަރަޙައްދުތައް ބަލަހައްޓައި، ފަތުރުވެރިންނަށް ޤުދުރަތީ ރީތިކަން ތަޖުރިބާކޮށްލުމުގެ ފުރުޞަތު ފަހިކޮށްދިނުމުން، އެ ސަރަޙައްދުތަކުން އެދެވޭ ނަފާ ލިބެން ފަށާނެ ކަމަށް ސަރުކާރުން ދެކެއެވެ.



