ޑޮލަރުގެ ކަޅުބާޒާރުން ކޮންމެ މަހަކު 30 މިލިއަނެއްހާ ޑޮލަރު ރާއްޖެއިން ބޭރުކުރާ ކަމުގެ ހަބަރު އެކި ދިމަދިމާލުން ލިބިފައިވާ ކަމަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ޝާޒް ވަލީދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ވަޒީރުންގެ އިތުރުން ޓުއަރިޒަމް ދާއިރާގެ އިސް ބޭފުޅުން ވެސް ތިއްބަވާ ވަޓްސްއެޕް ގުރޫޕެއްގައެވެ.
ޑޮލަރުގެ ބްލެކްމާކެޓާއި ދެކޮޅުހައްދަވާ އަދި ބޮޑެތި ޢަދަދުތަކުން ރައްޔިތުންގެ އަތުން ޓެކްސް ނަންގަވާތީވެ އެކަމާއި ވެސް ދެކޮޅަށް ވަކާލާތު ކުރައްވާ ވިޔަފާރިވެރިޔާ ވިދާޅުވީ ދުވާލެއްގެ މައްޗަށް 20 ކިލޯގެ މަސްތުވާތަކެތި ރާއްޖޭގައި ވިއްކާ ކަމަށާއި، 10,000 މީހުން ކޮންމެ ދުވަހަކު 1 ގުރާމުގެ މަސްތުވާތަކެތި ބޭނުންކުރާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މިތަކެތި ގަނޑުކޮށް ރާއްޖެ އެތެރެކުރުމުގެ ބޭނުމުގައި ކުށްކުރާ ނެޓްވޯކުތަކުން މަހަކު 30 މިލިއަނެއްހާ ޑޮލަރު ރާއްޖެ އިން ބޭރަށް ފޮނުވާ ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށާއި، ޑޮލަރުގެ ކަޅުބާޒާރުގެ އަސްލަކީ މިއީ ކަމަށެވެ.
ބޭންކިންގ ނިޒާމަށް ބަދަލު ގެނައި ކަމުގައި ވިޔަސް، ޤައުމީ ސަލާމަތާއި އިޤްތިޞާދު ސަލާމަތްކުރަން، ތަންފީޒީ އިދާރާތަކުން މަސްތުވާތަކެތީގެ ނެޓްވޯކްތައް މޫތަކާއި އެކު އުފުރާލަންޖެހޭ ކަމަށްވެސް ޝާޒް ވަލީދު ވިދާޅުވިއެވެ.








