ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މައުލޫމާތު ދެއްވި ގޮތުގައި، މި އޮޕަރޭޝަނުގައި އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް އެވެ. އަދި އަތުލައިގަނެވުނު ތަކެތީގެ ބަރުދަނުގައި ޖުމްލަ 3،510 ގްރާމް (3.51 ކިލޯގްރާމް) ހުރި ކަމަށް ވެސް އެ އިދާރާއިން ހާމަކުރެއެވެ.
މި ތަކެތި އަތުލައިގެންފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެ ގެނެސްފައިވާ އެއަރފްރައިޓް ޝިޕްމަންޓެއްގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުރިކަމަށް ޝައްކުކުރެވިގެން، އެ ޝިޕްމަންޓް އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައެވެ. ކަސްޓަމްސް އޮފިސަރުން މި ތަކެތި ހޯދާފައިވަނީ ޝިޕްމަންޓް ތެރޭގައި ވަރަށް ބޮޑަށް ފޮރުވައިގެން އެތެރެކުރަން އުޅެނިކޮށެވެ.
ގާނޫނާ ހިލާފަށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށާއި، ރާއްޖޭގެ ބޯޑަރުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަސްޓަމްސްއިން މިހާރު ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅައި، ފާރަވެރިކަން އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން، ވައިގެ މަގުންނާއި ކަނޑުމަގުން ރާއްޖެ އެތެރެކުރާ ކާގޯއާއި ޝިޕްމަންޓްތައް ބަލައިފާސްކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.
މި މައްސަލައާ ގުޅިގެން ފުރިހަމަކުރަންޖެހޭ ތަހުގީގުތައް ހިންގައި، މި ޖަރީމާގައި ބައިވެރިވި ފަރާތްތައް ހޯދައި ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި، ކަމާބެހޭ ތަންފީޒީ އިދާރާތަކާ ގުޅިގެން ކަސްޓަމްސްއިން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ގާނޫނު ތަންފީޒުކުރާ އެހެން އިދާރާތަކާ ގުޅިގެން މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ކުރާ މަސައްކަތްތައް ކުރިއަށް އޮތް ތަނުގައިވެސް އިތުރަށް ހަރުދަނާ ކުރާނެ ކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ.






