ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ހިދުމަތް އިތުރަށް ފުޅާކޮށް ޒަމާނީކުރުމަށާއި، ފާރަވެރިވުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ސަވައިލަންސް ޑްރޯނާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ރަސްމީކޮށް ފަށައިފި އެވެ.
މި އައު ވަސީލަތްތައް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ ކަސްޓަމްސްގެ ހިދުމަތަށް 136 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހާއްސަ އަހަރީ ޖަލްސާގަ އެވެ. ކަސްޓަމްސްގެ އޮޕަރޭޝަންތައް ވަރުގަދަކުރުމަށް ތައާރަފްކުރި މި އާލާތްތަކުގެ ތެރެއިން ސަވައިލަންސް ޑްރޯނަކީ އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަމާއެކު ލިބިފައިވާ ވަސީލަތެކެވެ. އަދި އޮފިސަރުންގެ މަސައްކަތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާތައް ހަދިޔާކޮށްފައިވަނީ އެމެރިކާ ސަރުކާރުންނެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވީ، އަލަށް ތައާރަފްކުރެވުނު ބޮޑީވޯން ކެމެރާއާއި ސަވައިލަންސް ޑްރޯންއަކީ ކަސްޓަމްސްގެ ކޮންޓްރޯލް ހަރުދަނާކުރުމަށް ފެށުނު ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.
"މީގެ ސަބަބުން ކަސްޓަމްސްއަށް އޮތް އިތުބާރާއި ޔަގީންކަން އިތުރުވެ، ބައިނަލްއަގުވާމީ ބަދަލުތަކާއި ކަސްޓަމްސް ކޮންޓްރޯލް ސަރަހައްދުތައް މޮނިޓާކޮށް ބެލެހެއްޓުން މިހާރަށްވުރެ ވަރުގަދަކުރެވިގެންދާނެ،" ދިޔާނާ ވިދާޅުވި އެވެ. މީގެ އިތުރުންވެސް، ކުރިއަށް އޮތްތަނުގައި ހިދުމަތްތައް އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށް ގިނަ ޕްލޭންތަކެއް އެކަށައަޅާފައިވާކަން ދިޔާނާ ފާހަގަކުރެއްވި އެވެ.
ރޭގެ ރަސްމިއްޔާތުގައި ކަސްޓަމްސްގެ މުހިންމު ތާރީހީ މައުލޫމާތުތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ "އެންމެ ދުވަސްވީ މުއައްސަސާ ރެޔާއި ދުވާލު ހިދުމަތުގައި 136 އަހަރު" މި ނަމުގައި ހާއްސަ ފޮތެއް ވެސް ވަނީ ނެރެފަ އެވެ.
ހަމައެއާއެކު، ދިގު މުއްދަތަކަށް އަގުހުރި ހިދުމަތްތަކެއް ކޮށްދީފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން އެކި ދާއިރާތަކުން އިނާމާއި ޝަރަފުގެ ކުލަ ވަނީ އަރުވާފަ އެވެ. އެގޮތުން، ކަސްޓަމްސްގެ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ "ރައީސުލްޖުމްހޫރިއްޔާގެ ކުލަ" 4 އޮފިސަރަކަށް އެރުވިއިރު، 20 އަހަރު ދުވަހު ހިދުމަތްކުރެއްވި 29 މުވައްޒަފަކަށް ވަނީ ރަން ބެޖު އަރުވާފަ އެވެ. އަދި ހިދުމަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި 28 އޮފިސަރަކަށް ކޮމިޝަނާ ޖެނެރަލްގެ ހާއްސަ އެވޯޑުވެސް މި ޖަލްސާގައި ދެއްވާފައިވެ އެވެ.



