ރާއްޖޭގައި މިހާރު ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަން ހައްލުކޮށް، ދިވެހި ފައިސާގެ ޑިމާންޑް މަތިކުރުމަށްޓަކައި މުވައްޒަފުންނަށް މުސާރަ ވެސް ދިވެހި ރުފިޔާއިން ދޭ ގޮތަށް ބަދަލުކުރަން ޖެހޭ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ގަވަރުނަރު މުނައްވަރު ވިދާޅުވީ، ރާއްޖޭގައި ހިންގާ އެންމެހައި މާލީ މުއާމަލާތްތައް ދިވެހި ފައިސާއިން ކުރާ ގޮތަށް ބަދަލުކުރުމަކީ މަރުކަޒީ ބޭންކުގެ މުހިންމު އަމާޒެއް ކަމަށެވެ. އަދި މިހާރު ރާއްޖޭގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ޑޮލަރުން އާމްދަނީ ލިބޭ ގިނަ ބަޔަކު ކަޅު ބާޒާރުގައި ޑޮލަރު މާރުކުރަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.
މުނައްވަރު ވިދާޅުވި ގޮތުގައި މި ބަދަލުތައް ގެންނާނީ އެއްފަހަރާ ނޫން ކަމަށާއި، މަޑުމަޑުން ފިޔަވަޅުތައް އަޅަމުން ގޮސް 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ މާލީ މުއާމަލާތްތަކެއް ދިވެހި ރުފިޔާއަށް ބަދަލުކުރެވޭނެ އެވެ.
"އަޅުގަނޑުމެންގެ ވިޝަންއަކީ ދިވެހި ރުފިޔާއަށް ހުރިހާ އެއްޗެއް ބަދަލުވެގެންދިއުން. އެ ބަދަލުވެގެންދާއިރު، ދެން ހުރި ކަންތައްތައް ކިހިނެއްތޯ ވާނީ؟ މިސާލަކަށް ޓޫރިޒަމްގެ ދާއިރާއިން އެބަ ޕޭކުރޭ ސަރުކާރަށް ކުލީގެ ގޮތުގައި ވެސް ބޭރު ފައިސާ. އެހެންވީމަ، އެވެސް ބަދަލުވެގެން ދާން ޖެހޭނެ. ހަމަ އެގޮތަށް މުސާރަތައް، މިހާރު މިސާލަކަށް ބަލަންޏާ ޓީއެމްއޭ ކަމުގައި ވިޔަސް، ހަމައެގޮތަށް ރިސޯޓެއް ކަމުގައި ބެލިޔަސް، ޑޮލަރުން. އެހެންވީމަ ޑޮލަރުން މުސާރަ ދިނުމުގެ ކަންތައްތަކަށް ވެސް ބަދަލުތަކެއް އަންނަން ޖެހޭނެ. އޭރުން ހަގީގަތުގައި ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑް އިތުރުވެގެން ދާނީ،"
ގަވަރުނަރު އަހްމަދު މުނައްވަރު
މީގެ އިތުރުން މުނައްވަރު ވިދާޅުވީ، ރާއްޖޭގެ މެކްރޯ އިގުތިސާދަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި، ދައުލަތުގެ ބަޖެޓުގެ ސިޔާސަތުތައް ވެސް ސްޓެބިލައިޒް ކުރަން ޖެހޭ ކަމަށެވެ. އަދި އެމްއެމްއޭގެ އަމާޒަކީ 'މެނޭޖްޑް ފްލޯޓިން' އެކްސްޗޭންޖް ރޭޓަކަށް ދިޔުން ކަމުގައި ވިޔަސް، އެކަން ކުރެވޭނީ ރާއްޖޭގެ ރަސްމީ ރިޒާވް ވަރުގަދަ ކުރެވިގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުން، ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން އެ ލިބޭ އާމްދަނީގެ 40 ޕަސެންޓް ރާއްޖޭގެ ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ނިންމާފައިވާކަން ވެސް ގަވަރުނަރު ވަނީ ހާމަކުރައްވާފަ އެވެ. އަދި ބޭންކުތަކަށް މާރުކުރާ ފައިސާގެ އިތުރުން ބާކީ ހުންނަ ބޭރު ފައިސާ ހޭދަކުރާ ގޮތް ބެލޭނެ ހަރުދަނާ މޮނިޓަރިން ނިޒާމެއް ގާއިމުކުރުމަށް ވެސް ގާނޫނަށް ބަދަލުތައް ގެންނާނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ.
މިހާރު ވެސް ރާއްޖޭގެ ބައެއް ބޮޑެތި ކުންފުނިތަކުންނާއި، ޓޫރިޒަމް ދާއިރާ އަދި އެމްއޭސީއެލް ފަދަ ކުންފުނިތަކުން މުވައްޒަފުންގެ މުސާރައިގެ ބައެއް ދެމުން އަންނަނީ ޑޮލަރުންނެވެ. ނަމަވެސް އެމްއެމްއޭގެ މި އާ ސިޔާސަތުތަކާ އެކު ކުރިއަށް އޮތް ތަނުގައި މި އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ.









