ބްރިޖް ހައިވޭގައި މިއަދު ހެނދުނުގެ ވަގުތެއްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ކާރެއް ކޮންޓްރޯލުން ނެއްޓި ފުރޮޅާލައިފިއެވެ. މި ހާދިސާ ހިނގާފައި ވަނީ ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، މަގުގެ އަރިމަތީގައި ސޯލާ ޕެނަލް ހަރުކޮށްފައި ހުރި ހޮޅިދަނޑިތަކުގައި ޖެހުމުގެ ސަބަބުންނެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 8:42 އެހާކަންހާއިރު ކަމަށް އެ އިދާރާއިން މަޢުލޫމާތު ދެއެވެ.
މި ބިރުވެރި އެކްސިޑެންޓް ހިނގި ވަގުތު ކާރުގެ ތެރޭގައި ތިބީ ބޮޑު މީހަކާއި ކުޑަކުއްޖެކެވެ. ކާރު ހޮޅިދަނޑި ތަކުގައި ޖެހި ފުރޮޅާލުމާއި ގުޅިގެން، އޭގައި ތިބި ދެމީހުންނަށް ވަނީ ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މި ހާދިސާގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބި ފުނޑުފުނޑުވެފައި ވީނަމަވެސް، އިރާދަފުޅުން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ބްރިޖާއި ހައިވޭ ފަދަ ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ އުޅަނދުތައް ދަތުރުކުރާ ސަރަހައްދުތަކުގައި ދުއްވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށާއި ކަނޑައެޅިފައިވާ ސްޕީޑުގައި އުޅަނދުތައް ދުއްވުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސް ކުރެއެވެ.









