މެލޭޝިއާގެ ރާޔާ އެއާވޭސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީ.އައި.އޭ) އަށް ތާވަލުކުރެވިގެން ކުރާ ކާގޯ ދަތުރުތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މިއަދު ފެށި މި ދަތުރުތަކަކީ މެލޭޝިއާގެ ޕެނޭންގް އާއި މާލެއާ ދެމެދު ކުރެވޭ ދަތުރުތަކެކެވެ. ހަފުތާއަކު ދެ ދުވަހު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ދަތުރުތަކުގައި ބޭނުންކުރާނީ ބޮއިންގް 767-200 މަރުކާގެ ކާގޯ ބޯޓުފަހަރެވެ. މި ބޯޓުތަކުގައި ކޮންމެ ދަތުރެއްގައި އެވްރެޖުކޮށް 46 ޓަނުގެ ކާގޯ އުފުލޭނެ ކަމަށް އެ އެއާލައިނުން މައުލޫމާތުދެއެވެ.
މި ހިދުމަތާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ޕެނޭންގާ ދެމެދު ސީދާ ވައިގެ މަގުން މުދާ އުފުލުމުގެ ގުޅުމެއް މިވަނީ ގާއިމުވެފައެވެ. މިއީ މެލޭޝިއާއިން ރާއްޖެއަށް ތާވަލުކޮށްގެން ކުރާ ފުރަތަމަ ކާގޯ ދަތުރުތަކެވެ. މި ހިދުމަތަކީ ދެކުނު އިރުމަތީ އޭޝިއާގެ މަޝްހޫރު ލޮޖިސްޓިކްސް ކުންފުނި "ޓެލެޕޯޓް" އިން ޗާޓަރުކޮށްގެން ހިންގާ ދަތުރުތަކެކެވެ. ރާޔާ އެއާވޭސްގެ މި ދަތުރުތަކާއެކު، ދެކުނު އޭޝިއާ އާއި ރާއްޖެއާ ދެމެދު ގަވާއިދުން މުދާ އުފުލުމުގެ އާ ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.
މި ދަތުރުތަކުގައި އުފުލާ ކާގޯގެ 80 އާއި 90 އިންސައްތައަކީ ޓްރާންސްޝިޕްމަންޓް ކާގޯއެވެ. މީގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ކާގޯ ގުޅުވައިދޭ މުހިންމު ހަބެއްގެ ގޮތުގައި ބަލައިގަނެވި، އެއާޕޯޓުގެ ދައުރު އިތުރަށް ވަރުގަދަވެގެންދާނެއެވެ. އަދި މުދާ ފޮނުވާ ފަރާތްތަކަށް އިތުރު މަގުތައް ހުޅުވި، ދުނިޔޭގެ މުހިންމު ބާޒާރުތަކަށް ވާސިލުވުން މިހާރަށްވުރެ ފަސޭހަވެގެންދާނެއެވެ.
ރާޔާ އެއާވޭސް އަކީ ވީ.އައި.އޭ އަށް ދަތުރުކުރާ ދެވަނަ ތާވަލު ކާގޯ އެއާލައިނެވެ. މިފަދަ އާ އެއާލައިންތައް ގެނައުމުގެ ބޭނުމަކީ ރާއްޖޭގެ ކާގޯ ގުޅުންތައް ފުޅާކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ސަރަހައްދީ ޓްރާންސްޝިޕްމަންޓް ގޭޓްވޭއެއްގެ ގޮތުގައި ތަރައްގީކުރުމެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ޖެނުއަރީ އިން ޖުލައި 2026 ގެ ނިޔަލަށް ވީ.އައި.އޭ އިން ވަނީ 390 ކާގޯ ދަތުރު މެދުވެރިކޮށް 3,228 ޓަނުގެ ކާގޯ ހެންޑްލްކޮށްފައެވެ. މި ދަތުރުތަކުން ރާއްޖެ ވަނީ ބެންގަލޫރު، ޗެންނާއި، ޔަންގޯން، ކޮލަމްބޯ، ބެންކޮކް، ދުބައި އަދި ހަނޯއީ ފަދަ މުހިންމު މަންޒިލްތަކާ ގުޅުވާލެވިފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި 2025 ވަނަ އަހަރުވެސް 518 ކާގޯ ދަތުރު ކުރެވި، 4,300 ޓަނަށްވުރެ ގިނަ ކާގޯ ވަނީ ހެންޑްލްކުރެވިފައެވެ.









