މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހިންގާ މަޝްރޫއަކީ ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއަށް ވުން އެކަށީގެންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ކުރިއަށްގެންދާ "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް އަބަދުވެސް ކުރިމަތިވާ އެންމެ ބޮޑު އެއް ދަތިކަމަކީ މަގުތަކުގެ ހާލަތު ގޯސްވުން ކަމަށެވެ. އަދި މި މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަކީ ރިޔާސީ އިންތިޚާބުގެ ތެރޭގައި އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވި އެއް ކަންތައް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
މި މަޝްރޫއާ ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ދައުލަތުގެ ބަޖެޓުން އެކަނި ހިންގޭވަރަށްވުރެ ބޮޑު މަޝްރޫއެއް ކަމަށެވެ. އެހެންކަމުން، ޗައިނާ ސަރުކާރުގެ އެހީތެރިކަމަށް އެދިވަޑައިގަތުމުން، އެ ގައުމުގެ ހިލޭ އެހީގައި މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ދިވެހި ރައްޔިތުންނަށްޓަކައި ޗައިނާ ސަރުކާރުން ވެދެއްވާ ވަރަށް ބޮޑު ދީލަތި އެހީއެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
"މާލޭގެ މަގު ހެދުމުގެ މަޝްރޫއަކީ ރާއްޖޭގެ ތާރިހުގައި ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީއަށް ވުން އެކަށީގެންވޭ،"
ރައީސް ޑރ. މުހައްމަދު މުއިއްޒު
މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އަމަލީ ގޮތުން މަސައްކަތް ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ މަރުހަލާތައް މިހާރު ކުރިއަށްދާ ކަމަށެވެ.
ރައީސް ވިދާޅުވީ، މިއަހަރު ނިމުމުގެ ކުރިން މާލޭގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމަށެވެ.









