މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އަމަލީގޮތުން ނިންމައި، އެ ތަންތަން ލިބޭ ހައްގުވެރިންނާ ހަވާލުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.
ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ސަރުކާރެއްގެ ދައުރުގެ ތެރޭގައި މަޝްރޫއުތައް ނިންމައި ރައްޔިތުންނާ ހަވާލުކުރާ ފުރަތަމަ ސަރުކާރަށް މި ސަރުކާރު ވެގެންދާނެ ކަމަށެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުން "ކަނޑުފަޅުން" ދީފައިވާ ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން ހުޅުމާލެ 2 އިން ދޫކުރި ހުރިހާ ގޯއްޗެއް ހަވާލުކޮށް ނިމިފައިވާ ކަމަށާއި، ހުޅުމާލެ 3 ހިއްކާ ނިންމައި އެތަނުން ދޭ ގޯތިތައް ހަވާލުކުރުމަށް ތައްޔާރުވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ގުޅިފަޅާއި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ވެސް ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެ ހިއްކުމުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި މަޝްރޫއުގެ ދަށުން 15,000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، މާލެ ސަރަހައްދުން 7,800 ފްލެޓު ދިނުމަށް ވެސް ވަނީ ނިންމާފައެވެ. މި ސްކީމްތަކުގެ ހައްގުވެރިންގެ ލިސްޓު މި އަހަރު ނިމުމުގެ ކުރިން އިއުލާން ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މި ޖަލްސާގައި ރައީސް ވަނީ ތަރައްޤީގެ މަޝްރޫއުތަކުގެ ތަފާސްހިސާބުތަކެއް ވެސް ހިއްސާކުރައްވާފައެވެ. އެގޮތުން މި ސަރުކާރުގެ ފުރަތަމަ 8 މަސްދުވަހުގެ ތެރޭގައި 590 މަޝްރޫއު ނިންމާފައިވާކަން ފާހަގަކުރެއްވިއެވެ. މިއީ ނިމިދިޔަ ދެ ސަރުކާރާ އަޅާބަލާއިރު ބޮޑު ކުރިއެރުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ތަސައްވަރަކީ 2028 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ، އޭޓީއެމް، އަދި ސިއްޙީ ވަސީލަތްތައް ފުރިހަމަކުރުމެވެ. އަދި 2040 ވަނަ އަހަރާ ހަމައަށްދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ކުރާ މަސައްކަތުގައި 2028 ވަނަ އަހަރަކީ ބޮޑު ކާމިޔާބީއެއް ހާސިލްވާނެ އަހަރެއް ކަމަށް ރައީސް ވިދާޅުވިއެވެ.









