މާލޭގެ ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއް އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މާލޭގެ އުތުރު ފަރާތުގެ ބޮޑުތަކުރުފާނުމަގާއި ބަނދަރު ސަރަހައްދު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ދެން އެންމެ އަވަހަށް ފެށިގެންދާނީ އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް އޮންނަ، ރިންގް ރޯޑުގެ ބާކީ ބައި ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ކަމަށެވެ.
މި މަޝްރޫޢަކީ މާލޭގެ ދަތުރުފަތުރާއި ޓްރެފިކް ތޮއްޖެހުމަށް ބޮޑު ހައްލެއް ހޯދައިދިނުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ ހާއްސަ މަސައްކަތެކެވެ.
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް މަގު ފުޅާކޮށް، ތާރުއެޅުމުގެ މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. އަދި އާންމުންނަށް ހުޅުވާލާފައިވާ މި ސަރަހައްދުތަކުގައި ފެހިކަން އިތުރުކުރުމުގެ ގޮތުން، ކަމާބެހޭ ވަޒީރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެން ދާދިފަހުން ވަނީ ގަސް އިންދުމުގެ ހާއްސަ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ.
މަގު ހެދުމުގެ މަސައްކަތްތަކުގެ ތެރެއިން ޕެޑެސްޓްރިއަން ފްރެންޑްލީ ނުވަތަ ހިނގާ މީހުންނަށް ފަސޭހަ ދުވާރުތަކާއި، ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ޒަމާނީ ޑްރެއިނޭޖް ސިސްޓަމްތައްވެސް ދަނީ ގާއިމުކުރެވެމުންނެވެ.









