ކުޅުދުއްފުށި ސިޓީގައި ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، އެ ސިޓީއަށް ބޭނުންވާ 1200 ކިލޯވޮޓުގެ އާ ޖެންސެޓެއް މިއަދު އެ ރަށަށް ގެންގޮސް ބާލައިފިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އެ ސިޓީއަށް ފޮނުއްވި 5 ވަނަ ޖެންސެޓެވެ. 2024 ވަނަ އަހަރާއި 2026 ވަނަ އަހަރާ ދެމެދު ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ގެނެވުނު މި ޖެންސެޓަކީ އެ ސިޓީގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
ފެނަކަ ކޯޕަރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، މި ޖެންސެޓް އިންސްޓޯލްކޮށް ނިމުމުން، ކުޅުދުއްފުށި ސިޓީގައި ދެމުން އަންނަ ކަރަންޓުގެ ޚިދުމަތް މިހާރަށްވުރެ ބޮޑަށް ހަރުދަނާވެ، ކަރަންޓު ކެނޑުމުގެ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
ކުޅުދުއްފުށި ސިޓީއަކީ އާބާދީ ބޮޑު، އަދި އިގްތިސާދީ ގިނަ މަސައްކަތްތަކެއް ކުރަމުންދާ ސިޓީއަކަށްވުމާއެކު، އެ ސިޓީގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެކެވެ. މިގޮތުން، އާ ޖެންސެޓް ބެހެއްޓުމުގެ އަމަލީ މަސައްކަތްތައް ލަސްނުވެ ނިމިގެންދާނެ ކަމަށް ފެނަކައިން ބުނެފައިވެއެވެ.









