ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަކީ ރާއްޖޭގެ މާލީ ނިޒާމު ހަލާކުކޮށްލުމުގެ މައިގަނޑު އެއް ބައިވެރިޔާ ކަމަށް ވިދާޅުވެ، ރިސޯޓް ލައިފް މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ޝާޒް ވަލީދު ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފިއެވެ. ޝާޒް މިފަދައިން ރައްދު ދެއްވާފައިވަނީ ޑޮލަރުގެ ތާށިކަމާ ގުޅޭގޮތުން އަމީރު ދެއްކެވި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައެވެ.
ޝާޒް ވަލީދު ސޯޝަލް މީޑިއާގައި އަމީރަށް ޓެގްކުރައްވައި ކުރެއްވި ޕޯސްޓުގައި، "ރާއްޖޭގެ މާލީ ނިޒާމު ފުނޑާލުމުގެ ތިޔައީ އެކެކެވެ،" ކަމަށް ބުނެ ސީދާ ރައްދު ދެއްވާފައިވެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކުރީގެ ސަރުކާރުގެ މާލީ ސިޔާސަތުތަކުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ދަށްވެ، އިގްތިސާދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
މާލީ މާހިރުން ފާހަގަކުރާ ގޮތުގައި، އެމްޑީޕީގެ ވެރިކަމުގައި ގިނަ އަދަދަކަށް ފައިސާ ޗާޕުކުރުމުގެ ސަބަބުން ޑޮލަރުގެ ކަޅުބާޒާރު އިންތިހާއަށް އުފުލިގެން ދިޔުމަށް މަގުފަހިވިއެވެ. ހާއްސަކޮށް އެ ދުވަސްވަރު 8 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޗާޕުކުރުމަކީ ރާއްޖޭގެ މާލީ ނިޒާމަށް އައި އެންމެ ބޮޑު ލޮޅުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
މި ފާޑުކިޔުންތަކާ ގުޅިގެން ކުރީގެ މިނިސްޓަރު އަމީރުގެ ފަރާތުން އަދި އެއްވެސް ރަސްމީ ރައްދެއް ދެއްވާފައެއް ނުވެއެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން އަބަދުވެސް ދަނީ މިހާރުގެ ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ފާޑުކިޔަމުންނެވެ.







