"ބޯހިޔާވަހިކަން އެންމެނަށް" ގެ ނަމުގައި ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫއުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ހަވާލުކޮށްގެން ހިންގާ އެފޯޑަބަލް ހައުސިން މަޝްރޫޢަށް އިތުރު 710 ފްލެޓް އިތުރުކޮށް، އެ މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމުގެ ފަހުގެ ތައްޔާރީތައް ސަރުކާރުން ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) އިއްޔެ ވިދާޅުވީ، ބީއެމްއެލްގެ މި މަޝްރޫޢަށް ފްލެޓް އިތުރުކުރަން ނިންމީ އެ ބޭންކުގެ މާލީ ޤާބިލުކަން ހުރުމުން ކަމަށެވެ. މީގެ ކުރިން ބީއެމްއެލް އިން ކުރިއަށްގެންދާ ގޮތަށް އޮތީ 3,260 ފްލެޓެވެ. ނަމަވެސް އަލަށް އިތުރުކުރި 710 ފްލެޓާއެކު، މި މަޝްރޫޢުގެ ދަށުން ބިނާކުރާ ޖުމްލަ ފްލެޓްގެ އަދަދު މިހާރު ވަނީ 3,970 އަށް އަރާފައެވެ.
މުންދު ވިދާޅުވި ގޮތުގައި، އިތުރަށް އަޅާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް މިހާރު ވަނީ ވަރަށް ގާތްވެފައެވެ. އަދި މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ގިނަ މަސައްކަތްތަކުގެ ޑިޒައިންތައް ނިމި، އެއް ކުންފުނި ފިޔަވައި އެހެން ހުރިހާ ކުންފުންޏަކުން ކުރެހުންތައް ފާސްކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫއު ކުރިއަށްގެންދަނީ ހުޅުމާލެ ފޭސް 1، ފޭސް 3 އަދި ވިލިމާލޭގައެވެ. މީގެ ތެރޭގައި ހިމެނޭ ބައެއް މުހިންމު މަސައްކަތްތަކަށް ބަލާއިރު:
ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެން ހުޅުމާލޭގައި އަޅާ 1,224 ޔުނިޓްގެ ބިންގާ ވަނީ އަޅާފައެވެ.
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ހަވާލުކޮށްގެން ވިލިމާލޭގައި އަޅާ 300 ފްލެޓްގެ ބިންގާ ވަނީ އަޅާފައެވެ.
ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ 1,190 ފްލެޓް އަދި އަމިން ކޮންސްޓްރަކްޝަނާ 364 ފްލެޓް އަޅަން ވަނީ ހަވާލުކޮށްފައެވެ.
މި ހައުސިން ޔުނިޓްތަކަކީ "ލީސް-ޓު-އޯން" ނުވަތަ ކުލި ދައްކައި ނިމުމުން މިލްކުވާ އުސޫލުން އާންމުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ ތަންތަނެވެ. ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ މެދުތެރެއަށް މި ހުރިހާ ފްލެޓްތަކުގެ މަސައްކަތް އެއްކޮށް ނިންމާލުމެވެ.
ތަރުޖަމާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ މާލީ އިދާރާތަކުގެ ލަފާގެ މަތިން، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށެވެ. އެގޮތުން އިގްތިސާދީ ދަތިތަކާއެކުވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ބާރުމިނުގައި ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.









