މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ 75 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ސެގްމަންޓް 2، 3 އަދި 4 ގެ މަސައްކަތްތަކެވެ. އެމްޓީސީސީން މައުލޫމާތުދޭ ގޮތުގައި، ނަރުދަމާ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ. އަދި މިހާރު ކުރިއަށްދަނީ ދުވާރު ހެދުމާއި، ޔޫޓިލިޓީ ކަނެކްޝަންތަކާއި، ކޭބަލް ޓްރެންޗިންގް، ކާބްސްޓޯން ޖެހުމުގެ އިތުރުން ކެޗްޕިޓާއި ޕެނަލް އަދި އެންކަރ ބްލޮކް ޖެހުމުގެ މަސައްކަތްތަކެވެ.
މީގެ އިތުރުން، މި ހަފުތާގެ ތެރޭގައި ކީވޯލް ކެޕިންގް ކޮންކްރީޓްގެ 130 މީޓަރަށްވުރެ ބޮޑު ބައެއް ނިންމާލުމަށް ވަނީ އަމާޒު ހިފާފައެވެ. ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ގާއިމުކުރާ ސްޓޯމްވޯޓާ ޕަންޕް ސްޓޭޝަންގެ މަސައްކަތްތައްވެސް ބާރުމިނުގައި ކުރިއަށްދާއިރު، މި މަހުގެ ދެވަނަ ހަފުތާގެ ނިޔަލަށް ޕަންޕް ވެލްތަކުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.
Advertisement

މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން، ޖުމްލަ 455 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ ނޯތު ހާބަރު ސަރަހައްދުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް މަގު ފުޅާކޮށް، ތާރު އަޅައި ބޭނުންކުރެވޭ ފެންވަރަށް ތަރައްގީކޮށްފައެވެ.
މާލޭގެ އެންމެ ބާރުބޮޑު އެއް ސަރަހައްދު ކަމަށްވާ އުތުރު ފަރާތުގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށާއި، ބަނދަރުގެ ހިދުމަތްތައް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ. މި މަޝްރޫއު ނިމުމުން މާލޭގެ އުތުރު ފަރާތުގެ ދަތުރުފަތުރަށާއި ވިޔަފާރީގެ ހަރަކާތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.







