އަންނަ ޖޫން މަހުގެ 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި ލިސްޓު މިހާރު ދިވެހި ސަރުކާރުގެ ގެޒެޓު (https://gazette.gov.mv/iulaan/394573) ގައާއި އެ ކޮމިޝަނުގެ ރަސްމީ ވެބްސައިޓް (www.elections.gov.mv) އިން އާންމުކޮށް ފެންނަން ހުންނާނެ އެވެ.
މި އިންތިޚާބުގައި ޖުމްލަ 4،122 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. ވޯޓުލުން ކުރިއަށްދާނީ އައްޑޫ ސިޓީގައާއި މާލޭގައި ބަހައްޓާ ފޮށިތަކުގަ އެވެ.
އައްޑޫގައި ބަހައްޓާ ފޮށިތަކާއި ވޯޓުލެވޭ މީހުންގެ އަދަދު:
- S04.1.1
736 މީހުން
- S04.1.2
580 މީހުން
- S04.1.3
543 މީހުން
- S04.1.4
494 މީހުން
- S04.1.5
545 މީހުން
މާލޭގައި ބަހައްޓާ ފޮށިތަކާއި ވޯޓުލެވޭ މީހުންގެ އަދަދު:
- ST.04.1
663 މީހުން
- ST.04.2
561 މީހުން
މި ބައި-އިލެކްޝަނުގައި ވާދަކުރައްވަނީ ދެ ކެނޑިޑޭޓުންނެވެ. އެއީ އިދިކޮޅު އެމްޑީޕީގެ ފަރާތުން އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އާއި، ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ހިތަދޫ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) އެވެ.
ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އަހުމަދު ސައީދަށް ޓިކެޓު ލިބިވަޑައިގަތީ، އެ ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި އެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ސިނާން ޓިކެޓު ދޫކޮށްލެއްވުމާ ގުޅިގެންނެވެ.
މި އިންތިޚާބަކީ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ބާއްވާ އިންތިޚާބެކެވެ. އިންތިޚާބުގެ ކަންކަން އަމާންކަމާއެކު ކުރިއަށް ގެންދިއުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ތައްޔާރުވަމުންނެވެ.








