ބައެއް ރަށު ކައުންސިލްތަކުގެ ރައީސުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ހުސްވެފައިވާ މަގާމުތަކަށް މެންބަރުން އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންތަކުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފެށިގެން ކުރިއަށްދާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ. މި އިންތިޚާބުތަކުގެ ވޯޓުލުން މިއަދު ހަވީރު 16:00 އާ ހަމައަށް ކުރިއަށްދާނެއެވެ.
މިއަދު ކުރިއަށްދާ އިންތިޚާބުތަކުގެ ތެރޭގައި ހިމެނެނީ ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމާއި، ހއ. ވަށަފަރު ޑަބްލިއުޑީސީގެ ރައީސް ހޮވުމުގެ އިތުރުން، ވ. ތިނަދޫ އަދި ސ. ހުޅުދޫ ޑަބްލިއުޑީސީ މެންބަރުން އިންތިހާބު ކުރުމެވެ. އެގޮތުން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވަނީ އެމްޑީޕީ އާއި ޕީއެންސީގެ ކެންޑިޑޭޓެކެވެ. ވަށަފަރު ޑަބްލިއުޑީސީގެ ރައީސްކަމަށް ޕީއެންސީގެ ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓަކު ނުކުންނަވާފައިވާއިރު، ހުޅުދޫ ޑަބްލިއުޑީސީގެ މެންބަރުކަމަށް ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓަކު ވާދަކުރައްވައެވެ. އަދި ތިނަދޫ ޑަބްލިއުޑީސީގެ މެންބަރުކަމަށް ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓެކެވެ.
މި އިންތިޚާބުގައި ވޯޓުލުމަށްޓަކައި އަތޮޅުތެރޭގައި 5 ފޮށި އަދި ގްރޭޓަރ މާލެ ސަރަޙައްދުގައި 5 ފޮށި ހިމެނޭހެން ޖުމްލަ 10 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ. އީސީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި ބައި-އިލެކްޝަންތަކުގައި ޖުމްލަ 3،776 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. އިންތިޚާބުގެ ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުމުގައި 81 އޮފިޝަލުން ހަރަކާތްތެރިވަމުން އަންނައިރު، 100 އަށްވުރެ ގިނަ އޮބްޒާވަރުންނާއި، މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުން ދަނީ ޙަރަކާތްތެރިވަމުންނެވެ.
އިންތިޚާބާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ނުވަތަ މައްސަލައެއް އޮތްނަމަ، "ޝަކުވާ/މައްސަލަ ހުށަހަޅާ ފޯމު" މެދުވެރިކޮށް complaints@elections.gov.mv އަށް އީމެއިލް ކުރުމުގެ ފުރުޞަތު އެ ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ. އަދި އިންތިޚާބުގެ ހުރިހާ މަރުޙަލާއެއް އަމާންކަމާއި އިންސާފުވެރިކަމާއެކު ކުރިއަށް ގެންގޮސް، އިތުބާރު ހުރި ނަތީޖާއެއް ކަށަވަރުކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާފައިވާ ކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވިއެވެ.
އީސީން މަޢުލޫމާތު ދެއްވި ގޮތުގައި، މި ބައި-އިލެކްޝަންގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުއެވެ. އަދި އިންތިހާބުގެ އެންމެހައި ކަންކަން އޮމާންކަމާއެކު ނިންމާލުމަށްޓަކައި ހުރިހާ ސިޔާސީ ޕާޓީތަކާއި އާންމު ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވުމަށް އެ ކޮމިޝަނުން ވަނީ އެދިވަޑައިގެންފައެވެ.





