އައްޑޫ ސިޓީ ލިންކްރޯޑު މަރާމާތުކުރުމުގެ މަޝްރޫޢަށް ބޭނުންވާ ސާމާނު ފޮނުވާފައިވާ ކަމަށް އެ މަޝްރޫޢު ޙަވާލުކޮށްފައިވާ ކުންފުނި މޯލްޑިވްސް ރޯޑް ޑިވެލޮޕްމްންޓް ކޯޕަރޭޝަން، އާރްޑީސީން ބުނެފިއެވެ.
ދައުލަތުގެ ބަޖެޓުން ޖުމްލަ 829 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިޔަށްގެންދާ މި މަޝްރޫޢަށް ބޭނުންވާ ސާމާނުގެ ތެރޭގައި ހިމެނޭ ބޮޑެތި އުޅަނދުތަކުގެ އިތުރުން އެހެނިހެން މުހިންމު ސާމާނުތައް މިހާރު ވަނީ އެރަށަށް ފޮނުވާފައެވެ.
މި ޕްރޮޖެކްޓް ނިންމުމަށް އާރްޑީސީ އަށް ދީފައި ވަނީ 3 އަހަރާއި 11 މަސްދުވަހެވެ. އެއީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުއެވެ. މިވީ މުއްދަތުގައި އާރްޑީސީން ވަނީ އެތަނުގެ ހުރިހާ ސާވޭތައް ކޮށް ނިންމައި ގަސްތައް ނަގައި އެހެން ތަންތަނަށް ބަދަލުކޮށް، މަގު އަލިކޮށްފައެވެ.
އާރްޑީސީން ބުނީ މި މަޝްރޫއުގެ ދަށުން 150 މިލިމީޓަރުގެ ސީޓީބީ ފަށަލައަކާއި، 40 މިލިމީޓަރުގެ ބޯމިނުގެ ތާރު އަޅާނެއެވެ. އަދި މިހާރު ހުރި ދުވާރުތަކާއި ތާރުތައް ކޮނެގެން ނަގާނެއެވެ. 67.58 ކިލޯމީޓަރުގެ މަގު ހެދުމާއި، ފެންހިންދާ ނިޒާމު ޤާއިމުކުރުން ހިމެނޭ އިރު 4 ލޭނުގައިވަ ވިނަތައް ނޮޅާނެއެވެ. މި މަޝްރޫއު ކުރިއަށްދަނީ، ހިތަދޫ، ފޭދޫ، މަރަދޫ، ހުޅުދޫ އަދި މީދޫ ހިމެނޭ ގޮތުން މުޅި އައްޑޫ ސިޓީގައި ކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.








