އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
ސިޔާސީ ޕާޓީތަކުގެ ކަންކަން ބަލަހައްޓާ ކޮމިޝަނުން، ޕީއެންއެފްގެ ރައީސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ޕީއެންއެފުން ދަނީ ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުން ބޭރުން ސިލްސިލާކޮށް ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.
ކޮމިޝަނުން ފާހަގަކޮށްފައިވާ ގޮތުގައި، ޕީއެންއެފުން ހިންގަމުންދާ ހަރަކާތްތަކުގެ ތެރޭގައި، އެހެން ސިޔާސީ ޕާޓީތަކުން ބާއްވާ ބައްދަލުވުންތަކަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރުމާއި، އެފަދަ ބައްދަލުވުންތައް ކުރިއަށްދާ ވަގުތުތަކާ ދިމާކޮށް ހަމަ އެ ސަރަހައްދުތަކުގައި ހަރަކާތްތައް ހިންގުން ހިމެނެ އެވެ.
މި ޖޫރިމަނާކުރުމުގެ ގާނޫނީ އަސާސަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 45 ވަނަ މާއްދާ އާއި 49 ވަނަ މާއްދާ ކަމަށް ކޮމިޝަނުން ބުނެ އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 45 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ގޮތުން، އެއްވެސް ޕާޓީއެއްގެ މެންބަރުން ނުވަތަ ތާއީދުކުރާ ބަޔަކު، އެހެން ޕާޓީއަކުން ހިންގާ ބައްދަލުވުމަކަށް ހުރަސްއެޅޭ ފަދަ އަމަލެއް ކުރުމަކީ ސީދާ މަނާ ކަމެކެވެ. ހަމައެހެންމެ، އެ މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ ގޮތުން، އެއް ޕާޓީއަކުން ބައްދަލުވުމެއް ބާއްވަމުންދާ ތަނެއްގައި، ހަމަ އެ ވަގުތަކާ ދިމާކޮށް، އެހެން ޕާޓީއަކުން ވެސް ބައްދަލުވުމެއް ބޭއްވުމަށް މަސައްކަތްކޮށްގެން ނުވާނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
ޕީއެންއެފަކީ ކުރީގެ ރައީސް ޔާމީން، ޕީޕީއެމް އިން ވަކިވެވަޑައިގެން 2023 ވަނަ އަހަރު އުފެއްދެވި ސިޔާސީ ޕާޓީއެކެވެ.









