ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް، ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެއް ކަމުގައިވާ މުޙައްމަދު ޢަފީފް ޙުސައިން އައްޔަންކުރައްވައިފިއެވެ.
މުޙައްމަދު ޢަފީފް ޙުސައިން އަކީ ތަޢުލީމީ ގޮތުން މަތީ ސަނަދުތަކެއް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ ޝަރީޢާގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ. އަދި ސިންގަޕޫރު މެނޭޖްމަންޓް ޔުނިވަރސިޓީން ބޯޑް އެގްޒެކެޓިވް ސެޓްފިކެޓް އިން ޑައިރެކްޓަރޝިޕް ފުރިހަމަކުރައްވާފައިވާއިރު، ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކުރައްވާފައެވެ. މީގެ އިތުރުން 'ބެލެންސްޑް ސްކޯކާޑް' އަދި 'ރިސްކް މެނޭޖްމަންޓް' ގެ ދާއިރާއިން ފަންނީ ސަނަދު ހާސިލުކުރައްވައި، އިދާރީ ހިންގުމާއި އިސްތިރާތީޖީ ކުރިއެރުމުގެ ދާއިރާއިން ވަނީ ޚާއްޞަ ތަމްރީނުތަކެއް ހޯއްދަވާފައެވެ.
ޢަފީފަކީ ދައުލަތުގެ އެކި މުއައްސަސާތަކުގައި 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ފެނަކައިގެ އެމްޑީގެ މަޤާމަށް އައްޔަންކުރެވުނުއިރު، އޭނާ ހުންނެވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ ޗެއާމަންގެ މަޤާމުގައެވެ. މީގެ ކުރިން އޭނާ ވަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންކަން ވެސް ކުރައްވާފައެވެ. އަދި ސަރަޙައްދީ އެކި ކުންފުނިތަކުގެ ބޯޑު މެންބަރުކަން ވެސް ވަނީ ފުރުއްވާފައެވެ.
ސަރުކާރުގެ އިސް މަޤާމުތަކަށް ބަލާއިރު، އެކި މިނިސްޓްރީތަކުގެ ޕަބްލިކް ވޯކްސް، ހައުސިންގ އަދި ކޯޕަރޭޓް ޑިޕާޓްމަންޓްތަކުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު އޭނާ ވަނީ އަދާކުރައްވާފައެވެ. މި މަޤާމުތަކުގައި އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ވިލަރެސްކުރެއްވުމާއި، މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.









