މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ޗެއަރޕަރސަން ކަމުގެ މަޤާމަށާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް މއ.ދޭލިޔާގެ، އަބްދުﷲ ފާއިޒް އައްޔަނުކުރައްވައިފިއެވެ.
އަބްދުﷲ ފާއިޒަކީ ވިޔަފާރި އާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ގާބިލު ބޭފުޅެކެވެ. މީގެ ކުރިން ދައުލަތުގެ މުހިންމު ކުންފުނިތަކެއްގެ އިސް މަގާމުތައް ވެސް އެމަނިކުފާނު ވަނީ ފުރުއްވާފައެވެ. އެގޮތުން، 13 ފެބުރުވަރީ 2019 ގައި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމް.ޓީ.ޑީ.ސީ) ގެ ޗެއާމަންގެ މަގާމަށް އައްޔަނުކުރެވި، އެ މަގާމު ފުރުއްވާފައިވާއިރު، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) ގެ ބޯޑުގެ ޗެއާމަންކަންވެސް އެމަނިކުފާނު ވަނީ އަދާކުރައްވާފައެވެ.
ވިޔަފާރީގެ ދާއިރާގައި ހޭދަކުރެއްވި ދިގު މުއްދަތުގައި، ސަރުކާރާއި އަމިއްލަ ބޮޑެތި ކުންފުނިތަކުގެ އިސް މަޤާމުތަކެއް ފާއިޒު ވަނީ ފުރުއްވާފައެވެ. މީގެ ތެރޭގައި އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގގެ މެނޭޖިންގ ޑިރެކްޓަރުކަމާއި، ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކުންފުނީގެ ޑިރެކްޓަރ ޓޫ ދަ ޗެއާމަންކަމާއި، ވިލާ ހޮޓެލްސްގެ ޑިރެކްޓަރ އޮފް މާކެޓިންގ އެންޑް ޕްރޮމޯޝަންސްގެ މަޤާމު ހިމެނެއެވެ. މީގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (އެމް.އެން.ސީ.ސީ.އައި) ގެ ސެކްރެޓަރީ ޖެނެރަލްކަމާއި، ހޮސްޕިޓާލިޓީ، ލޮޖިސްޓިކްސް، ކޭޓަރިންގ އަދި އިންވެސްޓްމަންޓް ދާއިރާގެ އެކި މަގާމުތައް ފުރުއްވައި އެ ދާއިރާތަކަށް އަގުހުރި ހިދުމަތްތަކެއް ވަނީ ކޮށްދެއްވާފައެވެ.
ރާއްޖޭގެ ވިޔަފާރި ޖަމްއިއްޔާތައް އުފެއްދެވުމުގައިވެސް އިސް ދައުރެއް އަދާކުރައްވާފައިވާ ފާއިޒަކީ އެމް.އެން.ސީ.ސީ.އައި، މޯލްޑިވްސް ޓްރޭޑާސް އެސޯސިއޭޝަން، މަސީ (އެމް.އޭ.ސީ.އައި) އަދި ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ބައިނަލްއަޤްވާމީ ފެންވަރުގައި ބަލާއިރު، 2001 ވަނަ އަހަރުން ފެށިގެން ސާކް ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ލައިފް މެންބަރެއްގެ ގޮތުގައި ހުންނެވުމުގެ އިތުރުން، އެ ޖަމްއިއްޔާގެ ނައިބު ރައީސްކަންވެސް އެމަނިކުފާނު ވަނީ ކުރައްވާފައެވެ.
ތައުލީމީ ގޮތުން ބަލާއިރު، އަބްދުﷲ ފާއިޒު ވަނީ އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސްއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ) ހާސިލުކުރައްވާފައެވެ.
މިފްކޯގެ ހިންގުން ހަރުދަނާކޮށް، މަސްވެރިކަމުގެ ސިނާއަތު އިތުރަށް ކުރިއެރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.









