މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގަމުން އަންނަ އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާން އަދި ޗެއާމަންގެ މަގާމަށް މިފްކޯގެ ސީއީއޯ މުހައްމަދު އަނަސް އައްޔަންކޮށްފި އެވެ.
މި ބަދަލުތައް ގެނެސްފައިވަނީ މިއަދު ބޭއްވި މިފްކޯގެ ބޯޑު ބައްދަލުވުމުގަ އެވެ. މިގޮތުން އެގްރޯނެޓްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސ. ހިތަދޫ، ހުޅުދޫގެ، މުހައްމަދު ސިނާން އައްޔަންކުރިއިރު، އެ ކުންފުނީގެ ޗެއާމަންގެ މަގާމަށް އައްޔަންކުރީ ގއ. ދެއްވަދޫ، ދޭލިޔާގެ، މުހައްމަދު އަނަސް އެވެ.
މިފްކޯއިން ބުނީ، އެގްރޯނެޓްގެ ހިންގުމަށް މި ގެނެވުނު ބަދަލުތަކާއެކު، އެ ކުންފުންޏަށް އައު ފެށުމަކާއި އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އެގްރޯނެޓްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެވުނު ސިނާނަކީ ޕީއެންސީގެ ޓިކެޓުގައި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާ ތަމްސީލު ކުރެއްވި މެންބަރެކެވެ. ނަމަވެސް، ސާބިތު ދަރަންޏެއް އޮތް މައްސަލައެއްގައި ސުޕްރީމް ކޯޓުން ވަނީ އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިފަ އެވެ. އެއަށްފަހު، އެ ދާއިރާގެ ޕީއެންސީ ޕްރައިމަރީ ސިނާން ކާމިޔާބު ކުރެއްވި ނަމަވެސް، ފަހުން ސިނާން ވަނީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދޫކޮށްލައްވައިފަ އެވެ.
އެގްރޯނެޓަކީ ރާއްޖޭގެ ދަނޑުވެރިކަން ތަރައްގީކޮށް ފުޅާކުރުމަށާއި، ދަނޑުވެރިންގެ އުފެއްދުންތަކަށް ހަމައަގު ހޯދައިދީ މާކެޓްކޮށް ވިއްކުމަށް މަގުފަހިކުރުމުގެ މަގުސަދުގައި 2020 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. މީގެއިތުރުން ދަނޑުވެރިކަމުގެ ވިޔަފާރިއަށް ބޭނުންވާ ފަންނީ އަދި އިދާރީ ގާބިލުކަން އިތުރުކުރުމަކީވެސް އެ ކުންފުނީގެ މައިގަނޑު އެއް މަގުސަދެވެ.
ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ދަށަށް ބަދަލުކޮށް ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސެވިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު އެވެ. މި ބަދަލާއެކު ދެ ކުންފުނި ގުޅިގެން މަސައްކަތް ކުރުމުން ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ދަނޑުވެރިކަމުގެ ސިނާއަތް ފުޅާކުރުމަށް ބޮޑެތި ފަސޭހަތަކަކާއި ފައިދާތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.




