މާރިޗު މަހުގެ ކަރަންޓު ބިލްތައް ބޮޑުވެފައިވާތީ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާ މި ދަނޑިވަޅުގައި، ބިލްތަކުގައި އެއްވެސް މައްސަލައެއް އުޅޭކަމަށް ޝައްކުކުރެވޭނަމަ އެކަން އެންގުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އެދިއްޖެއެވެ.
ފެނަކައިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ނިމިދިޔަ މާރިޗު މަހުގެ ކަރަންޓު ރީޑިންގ ނެގުމުގައްޔާއި ބިލު ތައްޔާރުކުރުމުގައި އެ ކުންފުނިން ޢަމަލުކޮށްފައިވަނީ އެހެން މަސްމަސްތަކުގައިވެސް ޢަމަލުކުރަމުންދާ އާންމު އުސޫލުން ކަމަށެވެ. އަދި މި އުސޫލަކީ ޤާނޫނާއި ޤަވާއިދުތަކުން ކަނޑައެޅި، އާންމުކުރެވިފައިވާ އުސޫލެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ.
މީގެ އިތުރުން، ކުންފުނިން ޚިދުމަތްދޭ އެއްވެސް ފަރާތެއްގެ ބިލެއް ތައްޔާރުކުރުމުގައި، ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް އެއްވެސް އުނިއިތުރެއް ގެނެސްފައި ނުވާނެކަމުގެ ޔަޤީންކަން ފެނަކައިން ވަނީ ދީފައެވެ. އެ ކުންފުނީގެ މަސައްކަތްތައް ބިނާވެފައިވަނީ ނަޒާހަތްތެރިކަމާއި ޙަލާލް މަސައްކަތުގެ މައްޗަށް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
ނަމަވެސް، އެއްވެސް ބިލެއްގައި މައްސަލައެއް އުޅޭކަމަށް ޝައްކުކުރެވިގެން ރީޑިންގ އިތުރަށް ޗެކްކުރަން ބޭނުންވެއްޖެނަމަ، އެ ފުރުޞަތު އޮތްކަމަށާއި އެފަދަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ފެނަކައިން ބުނެއެވެ.
ފެނަކައިން އިތުރަށް ހަނދުމަފުޅުކޮށްދީފައިވާ ގޮތުގައި، ކޮންމެ އަހަރެއްގެވެސް މާރިޗު، އޭޕްރީލް އަދި މެއި މަސް ހިމެނޭ ދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނުގަދަވާ ދުވަސްވަރު ކަމަށްވުމުން، އެއީ އެންމެ ގިނަ އަދަދަކަށް ކަރަންޓު ބޭނުންކުރެވޭ ދުވަސްވަރެވެ. އެހެންކަމުން، ކަރަންޓު ބޭނުންކުރުމުގައި އިތުރަށް ސަމާލުވުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރަމުންދާއިރު، ފެނަކައިން މަސައްކަތް ކުރަމުންދަނީ ދެފުށް ފެންނަ، އިތުބާރު ހުރި ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ.









