ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ އިސްލާހީ ބަދަލުތަކުގެ ދަށުން، ބައެއް އަތޮޅުތަކުގެ ޔުޓިލިޓީ ހިދުމަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފި އެވެ.
މި ނިންމުމުގެ ދަށުން، މިހާރު ފެނަކަ ކޯޕަރޭޝަނުން ހިދުމަތް ދެމުންގެންދާ ބ. އަތޮޅު، ޅ. އަތޮޅު، އަދި މ. އަތޮޅުގެ ރަށްތަކުގެ ޔުޓިލިޓީ ހިދުމަތްތައް ދެން ބަލަހައްޓާނީ ސްޓެލްކޯއިންނެވެ. މިއީ ދައުލަތުގެ ހިންގުމުގެ ނިޒާމަށް ގެންނަވާ އިސްލާހީ ބަދަލުތަކުގެ ތެރެއިން، ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުން ކަށަވަރުކުރުމަށާއި، ހިންގުން ހަރުދަނާކޮށް ރައްޔިތުންނަށް ލިބޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅުއްވި މުހިންމު ފިޔަވަޅެކެވެ.
ސްޓެލްކޯގެ ހިދުމަތުގެ ދާއިރާއަށް އަލަށް އިތުރުވާ ރަށްތަކުގެ ތެރޭގައި ހިމެނެނީ:
ބ. އަތޮޅުން: ދަރަވަންދޫ، ދޮންފަނު، އޭދަފުށި، ފެހެންދޫ، ފުޅަދޫ، ގޮއިދޫ، ހިތާދޫ، ކަމަދޫ، ކެންދޫ، ކިހާދޫ، ކުޑަރިކިލު، މާޅޮސް، އަދި ތުޅާދޫ.
ޅ. އަތޮޅުން: ހިންނަވަރު، ކުރެންދޫ، ނައިފަރު، އަދި އޮޅުވެލިފުށި.
މ. އަތޮޅުން: ދިއްގަރު، ކޮޅުފުށި، މަޑުއްވަރީ، މުލައް، މުލި، ނާލާފުށި، ރައިމަންދޫ، އަދި ވޭވަށް.
މިހާރުވެސް ކ.، ވ.، އއ.، އަދި އދ. އަތޮޅުގައި ކާމިޔާބުކަމާއެކު ހިދުމަތް ދެމުންގެންދާ ސްޓެލްކޯއަށް މި ރަށްތައް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާނީ ރައްޔިތުންނަށް ދެވޭ ހިދުމަތަށް އެއްވެސް ބުރޫއެއް ނާރާނެ ފަދަ ގޮތަކަށް، ވަރަށް ބޮޑަށް ރޭވި ވިލަރެސްކުރެވިގެންނެވެ. ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ކަރަންޓާއި އެހެނިހެން އަސާސީ ހިދުމަތްތައް މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމެވެ.
މި ބަދަލާއެކު، ފެނަކައިގެ މުވައްޒަފުންނާއި ވަސީލަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި މިނިސްޓްރީ އޮފް ފައިނޭންސް އާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) އިން ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.
މި ބަދަލަކީ ރަށްރަށުގެ ތަރައްގީއަށާއި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް އެންމެ އެދެވޭ ގޮތެއްގައި ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅުއްވާ ދުރުރާސްތާ ސިޔާސަތުގެ ދަށުން ނިންމެވި ނިންމުމެއްކަން ފާހަގަކުރެވެ އެވެ.









