މެދުއިރުމަައްޗާއި ޤަލްފުގައި އީރާނުގެ ބޯޓުފަހަރުތަކަށް ރައްކާތެރިކަމެއް ނެތް ނަމަ ދުޝްމަނުންނަށާއި އެ މީހުންގެ އުޅަނދުފަހަރަށް ވެސް ރައްކާތެރިކަމެއް އީރާނުން ނުދޭނެ ކަމަށާއި، ދުޝްމަނުންގެ “ކަރު ކަނޑާލާނެ” ކަމަށް އީރާނުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލިބާފް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، އީރާނުގެ ތެޔޮ ޓޭންކަރު ތަކާއި އަދި އީރާނާއި ގުޅުން އޮންނަ ތެޔޮޓޭންކަރުތަކާއި އެހެނިހެން އުޅަނދުފަހަރަށް އަރައި އެ ތަކެތި ހުއްޓުވުމަށް އެމެރިކާ އިން ނިންމާފައިވާ ކަމަށް ރޮއިޓާސް އާއި ވޯލްސްޓްރީތް ޖާނަލް އިން ޚަބަރު ފަތުރާފައިވާ ދަނޑިވަޅެއްގައެވެ.
އީރާނުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލިބާފް ވިދާޅުވީ ހުރްމުޒް އިން އީރާނުގެ އެކުވެރި އުޅަނދުފަހަރަށް ދަތުރު ކުރެވޭނެ ކަމަށާއި އެކަމަށް ހުރަސް އަޅާނަމަ އެ ހުރަސް އަޅާ ބައެއްގެ “ކަރު ބުރިކޮށްލާނެ”ކަން މީގެ ކުރިން ވެސް އީރާނުން ވާނީ ދައްކައިދީފައެވެ.
އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމަށް ފަހު ވިޔަފާރި އުޅަނދުތަކަށް ވަނީ ހުޅުވާލާފައެވެ. ނަމަވެސް ވަރަށް ހަރުކަށި އުޞޫލުތަކުގެ ތެރެއިންނެވެ. އަސްކަރީ އެމެރިކާގެ އުޅަނދުފަހަރަށް އެ ކަނޑުއޮޅި އޮތީ ބަންދު ކޮށްފައެވެ.










