ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ ދެވަނަ މަރުޙަލާ އާއި ގުޅޭ ގޮތުން ޙަމާސް ޖަމާޢަތާއި އެމެރިކާގެ މަންދޫބުންނާއި ދެމެދު މިޞްރުގެ ވެރިރަށް ގާހިރާގައި ކުރިއަށް ދިޔަ މަޝްވަރާ ތައް، އެދެވޭ އެއްވެސް ކުރިއެރުމެއް ނުލިބި ނިމިއްޖެއެވެ.
މި މަޝްވަރާ ތަކަކީ ފަލަސްޠީނުގެ ކުށެއްނެތް މުސްލިމުންނާއި ދެކޮޅަށް އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ތައް ހުއްޓުވައި، ދާއިމީ ސުލްޙަ އެއް ޤާއިމު ކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ. ނަމަވެސް، މަޝްވަރާގެ މޭޒުމަތީގައި ހުރި މުހިންމު ކަންތައްތަކާއި މެދު ދެފަރާތުން އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުން، މި ބައްދަލުވުންތަކުން އުންމީދު ކުރިފަދަ ނަތީޖާއެއް ނުފެނުނު ކަމަށް އެމެރިކާ އާއި ރައްޓެހި މަސްދަރު ތަކުން ބުނެއެވެ.
ރިޕޯޓްތައް ބުނާގޮތުން، މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި ބަހުސް ކޮށްފައި ވަނީ ޙަމާސް އިން ހަތިޔާރު ދޫކޮށްލުމަށާއި، ޣައްޒާ އިން އިސްރާއީލު ސިފައިން ފޭބުމަށާއި، އަސީރުން ބަދަލު ކުރުމުގެ އިތުރުން ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށް ދިނުން އިތުރު ކުރުމާއި ގުޅޭ ގޮތުންނެވެ. އެހެން ނަމަވެސް، އިސްރާއީލުގެ ހަރުކަށި އަމަލު ތަކާއި އެމެރިކާގެ މެދުވެރިކަމުގެ ދައުރާއި މެދު އުފެދިފައިވާ ހިޔާލު ތަފާތުވުން ތަކުގެ ސަބަބުން މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބޭގޮތް ވަނީ ނުވެފައެވެ.
ޙަމާސް އިން ބުނީ ޔަހޫދީންގެ ހަތިޔާރު ތަކުގެ ކުރިމަތީގައި ތިމަންނާމެން ބޯ ގުދެއް ނުކުރާނެ ކަމަށާއި، ހަތިޔާރު ތައް އެއްކޮށް ނައްތައިލުމަށް ޙަވާލެއް ނުކުރާނެ ކަމަށެވއ.










