އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު، ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މިނިސްޓްރީގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، އައްޑޫ ސިޓީގެ ތަރައްޤީއަށާއި ރައްޔިތުންނަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ގުޅޭގޮތުން މޭޔަރު ނިޒާރު ވަނީ މިނިސްޓަރަށް ތަފްސީލީ މައުލޫމާތު ދެއްވާފަ އެވެ. ވަކިން ހާއްސަކޮށް، ސިޓީގެ އުމްރާނީ ތަރައްގީއާއި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އާދަމް ޝަރީފް ވަނީ، މޭޔަރު ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ފަރާތުންނާއި މިނިސްޓްރީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކައުންސިލްތައް ބާރުވެރިކުރުވުމަށް ދެއްވާ އަހައްމިއްޔަތުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު މިހާރަށްވުރެ ބޮޑަށް ހަރުދަނާކޮށް، ކައުންސިލްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ނައްތާލުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ.









