ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢުތަކުގެ ދަށުން، އަމިއްލައަށް ގެދޮރު ބިނާކުރުމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް އިސްކަންދީގެން ފުލެޓު ދޫކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބުދެއްވުމަށް ކުރިއަށްގެންދަވާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ގޯތި ލިބިފައިވީ ނަމަވެސް މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރު އެޅޭނެ ގޮތެއް ނެތް އާއިލާތަކަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ. އަދި މިފަދަ ފަރާތްތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ސިއްހީ ދާއިރާއަށް ގެންނަވާ ބަދަލުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިމަރޖެންސީ ނޫން ހާލަތްތަކުގައިވެސް އެމްބިއުލާންސްގެ ޚިދުމަތް ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ. މިއީ ބަލިމީހުން އެއްތަނުން އަނެއްތަނަށް އުފުލުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.









