އައްޑޫ ގާޑިޔާ ވިޔަފާރިވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދާދޭނެ ކަމުގެ ޔަގީންކަން، އައްޑޫ މޭޔާރު ކަމަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓު މުޝްރިފް އަލީ ވިދާޅުވެއްޖެ އެވެ.
ކެންޑިޑޭޓް މުޝްރިފް އަލީ ވިދާޅުވީ އައްޑޫގެ ގާޑިޔާ ވިޔަފާރިވެރިންނަށް ދިމާވެފައިވާ ވަނީ ކަންބޮޑުވާޖެހޭ ވަރުގެ ބޮޑެތި މައްސަލަތަކެއް ކަމަށެވެ. ހަމައެހެންމެ އައްޑޫގެ ކުދި ވިޔަފާރި ތަކާއި ވިޔަފާރީގެ ފުރުސަތު ބޭނުންވާ ޒުވާނުންނަށް އެ ޒުވާނުން ބޭނުންވާ ދާއިރާތަކުން ކުރިޔަށް ދިއުމަށް މިވަގުތު މާބޮޑު ފުރުސަތުތަކެއް ނެތް ކަމަށެވެ. އަދި އެބޭފުޅާއަށް އެ ސިޓީގެ މޭޔަތުކަންކުރުމުގެ ފުރުސަތު ލިބިއްޖެ ނަމަ އައްޑޫ ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކަށް ޔަގީނުންވެސް ނިމުމެއް އަންނާނެ ކަމަށެވެ.
މިހާރު އައްޑޫގެ ގާޑިޔާތައް ހިންގަމުންދަނީ ވަގުތީ ބިންތަކެއްގަ އެވެ. އަދި އެ ތަންތަނުގައި އެންމެ އެދެވިގެންވާ ވަސީލަތެއް ނެތެވެ. އޭގެ އިތުރުން އައްޑޫގެ ވިޔާރިވެރިންގެ ގާދިޔާއަކީ ދާއިމީތަނަކަށް ވެސް ނުވެއެވެ.
އެހެންކަމުން މުޝްރިފު ވިދާޅުވީ އޭނާގެ އަމާޒަކީ އެ ގާޑިޔާތައް އެންމެ ރަނގަޅު ފެންވަރު ހަދައި އިތުރު ޒަމާނީ ވަސީލަތްތަކާއެކު އެ ގާޑިޔާތައް ތަރައްގީ ކުރުމެވެ. އަދި އެ ތަނަކީ ދައިމީ ތަނަކަށް ހެދުމެވެ.
މުޝްރިފު ވިދާޅުވި ގޮތުގައި އޭނާގެ ތަސައްވުރަކީ އެ ސަރަހައްދަކީ ޒުވާނުންނަށާއި އައްޑޫގެ ރައްޔިތުންނަށް ރޭގަނޑުގެ ފިނި ވަގުތުތަކުގައި ހިތްހަމަޖައްސާލުމަށް ނިކުންނަ މައިޒާނަކަށް ހެދުމެވެ. އަދި އެ ތަނުން ދިވެހި ކާބޯތަކެއްޗާއި ތަފާތު ރަހަތައް ތަޖުރިބާކޮށްލެވޭނެ ފަދަ ގޮތަކަށް އެ ތަނުގެ ކަންކަން އިންތިޒާމުކުރަން ރާވާފައިވާ ކަމަށް މުޝްރިފު ވިދާޅުވި އެވެ.
ހަމައެއާކު ސަގާފީ ކުޅިވަރުތަކާއި ދިވެހި މިއުޒިކް ތަޖުރިބާ ކުރެވޭނެ އިންތިޒާމު ކުރުމުގެ ބަދަލުގައި، އައްޑޫ ވަންތަ ބާބަކިއު އާއި ޕާޓީތައް ބޭއްވޭ ފަދަ ވެނިއުއަކަށް ގޮތުގައި އެ ތަންތަން ތަރައްގީ ކުރުމަށް ފުރުސަތު ދޭނެ ކަމަށް މުޝްރިފް ފާހަގަކުރެއްވިއެވެ. އޭގެ ސަބަބުން ބޮޑު އާމްދަނީ އެ ލިބޭނެ ގޮތް ފަހިވާނެ ކަމަށެވެ.
އަދި އެފަދަ ތަބެއް އައްޑޫގެ ވިޔަފާރިވެރިންނަށް ޓަކައި ތަރައްގީކުރުމަށް ބޭނުންވާ މަލީ އެހީތެރިކަން މަސައްކަތްތަކަށް އެހީތެރިކަން ކައުންސިލްގެ މާލިއްޔާއިންނާއި އިތުރު ފައިނޭންޝިއަލް އިންސްޓިޓިއުޝަންތަކުން ލިބޭނެކަމުގެ ޔަގީންކަން މުޝްރިފު ދެއްވި އެވެ.
އެ ކަމާ ބެހޭ ގޮރުން އިތުރަށް ވާހަކަދައްކަވަމުން އެނާ ވިދާޅޫވީ އެ މަސައްކަތް ވެގެންދާނީ "ދަ ގްރޭޓަރ އައްޑޫ" ވިސްނުމުގެ ދަށުން، ހިންގޭ އެ ސިޓީގެ ރައްޔިތުންނަށް ފައިދާ ބޮޑު މަޝްރޫއަކަށެވެ. އަދި އައްޑޫއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް މިފަދަ ގާޑިޔާއިން ލިބޭ ހިދުމަތްތަކާއި ކާބޯތަކެތީގެ މައުލޫމާތު ފެންނާނެ ގޮތް ހަދާނެ ކަމަށް މުޝްރިފު ވިދާޅުވި އެވެ. އަދި އެ ސަރަހައްދުގެ ދަތުރުފަތުރު ފަސޭހަކުރާނެ ކަމަށް ވާނެ ކަމަށް ވެސް އޭނާ ފާހަނގަކުރެއްވި އެވެ.
"އައްޑޫ ސިޓީ ފެންނަން ޖެހެނީ މިހާ ނިކަމެތިކޮށެއް ނޫން. މި ސިޓީ ވާންޖެހޭނީ ޒަމާނީ ތަރައްގީ ލިބިފައިވާ، ވަސީލަތްތައް ގިނަ، ރާއްޖޭގެ އެންމެ ތަރައްގީވެފައިވާ ތަނަށް،" - އައްޑޫ ސިޓީ ޕީއެންސީ މޭޔާ ކެންޑިޑޭޓް މުޝްރިފު
ކައުންސިލަށް އެތައް މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބެމުންދާއިރު އެފަދަ އަސާސީ ކަންކަން ފުރިހަމަ ނުވެ އޮތް އޮތުމަށް އިޝާރަތްކުރައްވާ މުޝްރިފު ވިދާޅުވީ އެއީ ހިތާމަހުރި ކަމެއް ކަމަށެވެ.
އައްޑޫ ނިކަމެތިކޮށް ބޭއްވޭކަށް ނެތް ކަމަށާއި މިއަދު ރައްޔިތުން ތިބީ ހަގީގީ ބަދަލަކަށް ކެތްމަދުވެފައި ކަމަށް މުޝްރިފްގެ ވާހަކަ ނިންމެވުމުގެ ކުރިން ފާހަނގަކުރެއްވި އެވެ. ހަމައޭއާއެކު މިފަހަރުގެ އިންތިހާބުގައި އައްޑޫގެ ރައްޔިތުން ބަދަލަކަށް ވޯޓު ދީނުމަށް މުޝްރިފު ރައްޔިތުންގެ ކިބައިން އެދިވަޑާއިގަތެވެ. އަދި މުޝްރިފު ވިދާޅުވީ އޭނާ ހޮވާނެ ކަމަށް ދިރާސާތަކުން ދައްކާ ކަމަށާއި އެކަމުގެ ޔަގީންކަން އެނާގެ އެބައޮތް ކަމަށެވެ.









