އައްޑޫ ސިޓީގެ ތަރައްގީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ކުރިއަށްގެންދާ ހިތަދޫ-ހުޅުމީދޫ ބްރިޖު މަޝްރޫއުގެ ފަންނީ ދިރާސާތަކާއި ޑިޒައިން ކުރުމުގެ މަސައްކަތްތައް ނިންމައި، ކޮންސަލްޓެންޓް ޓީމުން މިނިސްޓްރީއަށް ރިޕޯޓު ހުށަހަޅައިފި އެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ ކޮންސަލްޓެންޓެއްގެ ގޮތުގައި ހަމަޖައްސާފައިވާ، ދުނިޔޭގެ މަޝްހޫރު ކުންފުނި ޓީވައި-ލިންއިން ވަނީ ދިރާސާތަކަށްފަހު ބްރިޖު އެޅުމާ ގުޅޭ ދެ އޮޕްޝަނެއް ހުށަހަޅާފަ އެވެ. އެއީ ކޭބަލް ކާރުން ނުވަތަ ބްރިޖަކުން ދެ ރަށް ގުޅުވާލުމެވެ. މީގެ ތެރެއިން އެންމެ އެކަށޭނެ ގޮތެއް ކަމަށް ނިންމާފައިވަނީ ބްރިޖަކުން ރަށްތައް ގުޅުވާލުމަށެވެ.
ބްރިޖު އެޅުމަށް ތިން ރޫޓެއް ކަނޑައަޅާފައިވާއިރު، ހުރިހާ ގޮތަކުން ބެލުމަށްފަހު އެންމެ ރަނގަޅު ރޫޓެއް މިހާރު ވަނީ ކަނޑައަޅާފަ އެވެ. މިނިސްޓްރީން ބުނި ގޮތުގައި ބްރިޖު އަޅާނީ އެ ރޫޓްގަ އެވެ. މި އެލައިންމެންޓްގައި ޖުމްލަ ހަތަރު ކްރޮސިންއެއް ހިމެނޭއިރު، އެ ތަންތަނުގެ ފުންމިނާއި ފުޅާމިނަށް ބަލައި، އެންމެ އެކަށީގެންވާ ބްރިޖުގެ ބާވަތްތައް ކަނޑައެޅުމަށް ޑިޒައިން އެސެސްމެންޓްތައް އަންނަނީ ހަދަމުންނެވެ.
ކޮންސަލްޓެންޓް ޓީމުން ހުށަހަޅާފައިވާ ބްރިޖު ޑިޒައިންތަކުގެ ތެރޭގައި ފްލޯޓިން ބްރިޖާއި، ކޮންޓިނިއުއަސް ރިޖިޑް ފްރޭމް ގާޑާ ބްރިޖު އަދި ކޭބަލް ސްޓޭއިޑް ބްރިޖު ހިމެނެއެވެ. މިހާރު ކުރިއަށްދަނީ މި މަޝްރޫއުގެ ސުޕާ ސްޓްރަކްޗާ އާއި ސަބް ސްޓްރަކްޗާ ޑިޒައިން ކުރުމުގެ މަސައްކަތެވެ.
މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، އެ ސަރަހައްދުގެ ތިމާވެށީގެ ދިރާސާތައް ނިންމައި، މަޝްރޫއުގެ ކޮންސެޕްޓް ޑިޒައިން މިހާރު ވަނީ މިނިސްޓްރީއާ ހަވާލުކޮށްފައެވެ. އަދި މިހާރު ކުރިއަށްދަނީ އެ ކޮންސެޕްޓް ޑިޒައިން ރިވިއު ކުރުމުގެ މަރުހަލާ އެވެ.
އައްޑޫ ހިތަދޫ އާއި ހުޅުމީދޫ ގުޅުވާލުމުގެ މި ބޮޑު މަޝްރޫއަކީ "ގްރޭޓާ އައްޑޫ" ގެ ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ އިންގިލާބީ ތަރައްޤީގެ މަޝްރޫއެކެވެ.









