އައްޑޫ ސިޓީ ހިތަދޫގައި ގާއިމުކޮށްފައިވާ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެކި ގޮތްގޮތުން ދިމާވެފައިވާ ދުވަސްވީ މައްސަލަތަކަށް ދާއިމީ އަދި ފުރިހަމަ ހައްލެއް ގެނެސްދެއްވާނެ ކަމަށް ޕީއެންސީގެ ޓިކެޓުގައި އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ މުޝްރިފް އަލީ ވިދާޅުވެއްޖެ އެވެ.
މުޝްރިފްގެ ކެމްޕޭން އެކައުންޓުތަކުން މިއަދު އާންމުކުރި ވީޑިއޯއެއްގައި އޭނާ ވިދާޅުވީ، އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅުނު ނަމަވެސް އެއީ ދިރިއުޅުމަށް ދަތި، އެތައް މައްސަލަތަކެއް ތަކުރާރުކޮށް ދިމާވަމުންދާ ތަނެއް ކަމަށެވެ. އޭނާ ވެސް އެ ސަރަހައްދުގައި ދިރިއުޅުއްވާތީ، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ އިހުސާސްތައް ފުރިހަމައަށް އެނގިލައްވާ ކަމަށް މުޝްރިފް ވިދާޅުވި އެވެ.
ހާއްސަ ގޮތެއްގައި ފްލެޓުތަކުން ފެން ލީކުވުމުގެ މައްސަލައާއި، ސާފު ފެން ނުލިބުމުގެ އިތުރުން ވިއްސާރަ ދުވަސްވަރު މުޅި ސަރަހައްދުގައި ފެންބޮޑުވެގެން ކުރިމަތިވާ ދަތިތައް އޭނާ ފާހަގަކުރެއްވި އެވެ. އަދި ފްލެޓުތައް ހުރީ މޫދާ ކައިރި ސަރަހައްދެއްގައި ކަމުން ލޮނުގެ އަސަރުކޮށް އާންމުންގެ އަގުބޮޑު މުދަލަށް އެތައް ގެއްލުމެއް ވެފައިވާކަން ވެސް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.
"މި ސަރަހައްދުގައި އުޅޭ ރައްޔިތުން ކުދިންނާއެކު ގޮސް ހިތް އުފާކޮށްލަން މަޑުކޮށްލާނެ އެއްވެސް ތަނެއް މި ސަރަހައްދަކު ނެތް. ކުރިން މި ތަނުގައި ޕާކެއް އޮތް. ނަމަވެސް އެތަން ވެސް މިއަދު އޮތީ ވަރަށް ބޮޑު މަރާމާތަކަށް ބޭނުންވެފަ،" އެ ސަރަހައްދުގެ އިޖުތިމާއީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުޝްރިފް ވިދާޅުވި އެވެ.
މީގެ އިތުރުން އެސަރަހައްދުގައި ގަސް ވަރަށް މަދުކަން ފާހަގަކޮށް މުޅި ސަރަހައްދު ފެހިކުރުމުގެ މުހިންމުކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އޭނާ އަދި 'ދަ ގްރޭޓާ' އައްޑޫގެ ޓީމު ހޮވައިދީފިނަމަ މި މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން މުޝްރިފް ވަނީ ދެއްވާފަ އެވެ. އޭނާގެ އަމާޒަކީ އެ ސަރަހައްދަކީ ރައްޔިތުންނަށް ހިތްފަސޭހަ އަދި ހިތްހަމަޖެހޭ ތަނަކަށް ހެދުމެވެ.
އިތުރު މައުލޫމާތު ދެއްވަމުން މުޝްރިފް ވިދާޅުވީ އައްޑޫގެ ހުރިހާ އަވަށެއްގައި ހުރި ފްލެޓުތައް ވެސް ހުރީ އެތައް އަހަރެއްގެ އިހުމާލުން ވަރަށް ދެރަ ހާލަތެއްގައި ކަމަށެވެ. އެހެންކަމުން އޭނާގެ އުންމީދަކީ އައްޑޫގެ ހުރިހާ ފްލެޓުތަކަށް ދިމާވެފައިވާ މައްސަލަތަކަށް ފުރިހަމަ ހައްލެއް ހޯދައިދިނުން ކަމަށް ވިދާޅުވި އެވެ.









