ބ. ކުޑަރިކިލުގެ ކަރަންޓުގެ ހިދުމަތަށް ބޮޑު ބަދަލެއް ގެނައުމުގެ ގޮތުން، އެ ރަށުގައި ސޯލާ ޑީސަލް ހައިބްރިޑް ނިޒާމެއް ގާއިމްކޮށްފި އެވެ. މި މަޝްރޫޢުގެ ދަށުން ކުޑަރިކިލުގައި 350.9 ކިލޯވޮޓުގެ ސޯލާ ޕީވީ ސިސްޓަމަކާއި، 300 ކިލޯވޮޓުގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމެއް ވަނީ ހަރުކޮށްފަ އެވެ.
މި ނިޒާމާއެކު ކުޑަރިކިލުން އަހަރަކު ބޭނުންކުރާ ޑީސަލްގެ ތެރެއިން 165,189 ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން މަޢުލޫމާތު ދެ އެވެ. މީގެ އިތުރުން، ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން އަހަރަކު 405 ޓަނުގެ ކާބަންޑައި އޮކްސައިޑް މި ނިޒާމުގެ ސަބަބުން މަދުކުރެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ، 2028 ވަނަ އަހަރުގެ ކުރިން ރާއްޖޭގެ ކަރަންޓުގެ ބޭނުންތަކުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެއްދެވުމެވެ. މިފަދަ މަޝްރޫއުތަކުގެ ސަބަބުން ތެލަށް ކުރާ ބޮޑު ހޭދަ ކުޑަވެ، ތިމާވެށި ހިމާޔަތް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.
އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖެއިން ހޯދަމުންދާ ކުރިއެރުންތަކަށް ބަލާއިރު، މީގެ ދެ އަހަރު ކުރިން ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު ހުރީ އެންމެ 4 އިންސައްތައިގަ އެވެ. އެއީ ގާތްގަނޑަކަށް 53 މެގަވޮޓެވެ. ނަމަވެސް، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ކުރެވުނު ބުރަ މަސައްކަތުން މިހާރު މި އަދަދު ވަނީ 110 މެގަވޮޓަށް އިތުރުކުރެވިފަ އެވެ.
ކުޑަރިކިލުގެ މި މަޝްރޫއަކީ ރ. އަދި ބ. އަތޮޅުގެ މީހުން ދިރިއުޅޭ 26 ރަށެއްގައި ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމްތައް ގާއިމުކުރުމަށް 2023 ވަނަ އަހަރުގެ ޖަނަވަރީ މަހު 'ސައިނޮސް - ޔިންގްލީ ކޮންސޯޓިއަމް' އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.
މި އެއްބަސްވުމުގެ ދަށުން ދެ އަތޮޅުގެ 26 ރަށުގައި ޖުމްލަ 6.35 މެގަވޮޓުގެ ސޯލާ ޕީވީ އާއި 7.66 މެގަވޮޓު އަވާގެ ބެޓްރި އެނާޖީ ސްޓޯރޭޖު ސިސްޓަމް އަދި އެނާޖީ މެނޭޖްމަންޓް ސިސްޓަމް ގާއިމުކުރެވޭނެ އެވެ. މިކަމުގެ ސަބަބުން މުޅި މަޝްރޫއު ނިމުމުން އަހަރަކު 2.9 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވި، ދައުލަތުން ތެލަށް ކުރާ ހޭދައިން އަހަރަކު 47 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން އަންދާޒާކުރެ އެވެ. އަދި މީގެ ސަބަބުން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން 7900 ޓަނުގެ ކާބަންޑައި އޮކްސައިޑް މަދުކުރެވިގެންދާނެ އެވެ.









