ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލް ތެރެއިން ބޭންކް އޮފް މޯލްޑިވްސްގެ ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައިގައި އަށް މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ މި މައްސަލައިގައި ދެ ދުވަހެއްގެ މަތިން ދައުވާތައް ހުށަހަޅާފައިވާ ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު އެވެ. އެއާޕޯޓުގެ ޓާމިނަލް 1 ގައި ހުންނަ ބީއެމްއެލްގެ އެކްސްޗޭންޖު ކައުންޓަރަށް ގެންދިޔަ 130,000 ޑޮލަރު (ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ) ހުރި ސޫޓްކޭހެއް ފޭރިގަތީ މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަޅިން ބިރުދެއްކުމަށްފަހު އެވެ. މި ފައިސާއަކީ އެއާޕޯޓުން ފުރާ ދިވެހިންނަށް ދޫކުރުމަށް ގެންދިޔަ ފައިސާ އެވެ.
މި މައްސަލައިގައި އެންމެ ބޮޑެތި ދައުވާތަކެއް އުފުލާފައިވަނީ ތ. ވިލުފުށި، އެހީވާގެ، އަހުމަދު މާހިދު ގެ މައްޗަށެވެ. އޭނާގެ މައްޗަށް ފޭރުމުގެ ދައުވާގެ އިތުރުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ބިރުދެއްކުމާއި، އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ ވަނީ ކޮށްފަ އެވެ. ސ. ހިތަދޫ، ވަށަގުލިމާގެ، އަލީ އަފްޒަލް ގެ މައްޗަށް ފޭރުމުގެ ދައުވާ އާއި ބިރުދެއްކުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާއިރު، ގއ. ވިލިނގިލި، ބިނާ، އަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު ގެ މައްޗަށް ވަނީ ފޭރުމުގައި ބައިވެރިވުމުގެ ދައުވާ ކޮށްފަ އެވެ.
މީގެ އިތުރުން ފޭރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ ފަސް މީހުންނަކީ:
1. ހުސައިން ޝަހުދު (ކ. ގުރައިދޫ، އަޅިވިލާގެ)
2. މާޒިން މޫސާ (ލ. މާވައް، ރޭޝަމް)
3. އަހުމަދު ރައިހާން ނައީމް (މ. ކޯރަސް)
4. އިބްރާހީމް އަނޫފް (ކ. ގުރައިދޫ، އަޅިވިލާގެ)
5. އިސްމާޢީލް ސިރުހާން (ރ. މަޑުއްވަރި، މީޒާން)
ޕީޖީ އޮފީހުން ބުނި ގޮތުގައި މި ފޭރުމުގެ އަމަލުގެ ސަބަބުން ބީއެމްއެލްއަށް ލިބުނު ގެއްލުމުގެ ބަދަލު، ދައުވާ ލިބޭ މީހުންގެ އަތުން ނަގައިދިނުމަށް ކޯޓުގައި ވަނީ އެދިފަ އެވެ. ތަހުގީގުން އެނގިފައިވާ ގޮތުގައި ފޭރުމަށްފަހު އެ މީހުން ފިލާފައިވަނީ ހުޅުލޭ ޖެޓީގައި ތައްޔާރީ ހާލަތުގައި އޮތް ލޯންޗެއްގައި ކ. ހުރައަށެވެ.
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބައެއް މީހުން ހުރައިން ހައްޔަރުކުރި ނަމަވެސް، ހާދިސާ ހިނގިތާ ހަތަރު މަސް ވެގެން ދިޔައިރު ވެސް ފޭރުނު ފައިސާތައް އަދިވެސް ފެނިފައެއް ނުވެ އެވެ.









