ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހިންގާ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ 87 އިންސައްތަ މަސައްކަތް ނިމިފައިވާ ކަަމަށް އެ މަސައްކަތް ކުރިއަށްގެންދާ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފި އެވެ.
އެމްޓީސީސީއިން ބުނީ، މަގުގެ ސަބް-ބޭސް މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައިވާ ކަމަށާއި، އޭބީސީ ލޭޔާ އެޅުމުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އެ ކުންފުނިން ވަނީ، އޭބީސީ ލޭޔާ އެޅުމުގެ ހުރިހާ މަސައްކަތްތަކެއް މިރެޔަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކޮށްފަ އެވެ.


މި މަޝްރޫއުގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު، މަގުގައި ތާރުއެޅުމުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާއިރު، ބަނދަރުގެ އަރައި ފައިބާ ސަރަހައްދުގެ ކޮންކްރީޓްގެ މަސައްކަތާއި، ލައިޓް ޕޯސްޓްތަކުގެ އިތުރުން ސައިންބޯޑުތައް ހަރުކުރުން ހިމެނެ އެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ދެވަނަ ސެގްމެންޓް ތަރައްގީކުރާނީ މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރު ނިމޭ ސަރަހައްދާއި ހަމައަށެވެ. ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން މަގު ހެދުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް މި މަސައްކަތް ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ވަނީ ހާމަކޮށްފަ އެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް އެއްކޮށް ނިމުމުން އެ މަގު ވެގެންދާނީ، އުޅަނދު ފަހަރަށާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ބޭނުންކުރަން ފަސޭހަ، ޒަމާނީ ފެންވަރަށް ތަރައްގީކުރެވިފައިވާ މަގަކަށެވެ. މި މަގު ތަރައްގީކުރަނީ ހަތަރު ލޭނަކަށް އުޅަނދުތަކަށް ދުއްވޭނެ ގޮތަށް ކަމުން އުޅަނދުފަހަރުތައް ތޮއްޖެހުން ބޮޑުތަނުން ކުޑަވެ ސަރަހައްދަށް ދިމާވެފައިވާ ޓްރެފިކްގެ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ އެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ. މި މަޝްރޫއުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1،088 މީޓަރުގެ ސަރަހައްދެއްގައި ތާރުއަޅައިގެން ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ.







