މާލޭގެ ބާޒާރުމަތީ ސަރަހައްދު ނުވަތަ ބޮޑުތަކުރުފާނު މަގުގެ ސެގްމެންޓް 2 ގެ މަސައްކަތްތައް ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން އެއްކޮށް ނިންމާލެވޭނެކަމުގެ ޔަގީންކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދީފިއެވެ.
މި މަޝްރޫއާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީނިއާ ޕްރޮޖެކްޓް މެނޭޖަރު ޝަރުވަސް އަބްދުﷲ ފާއިޒު ވިދާޅުވީ، މިދިޔަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު ފެށި މި މަސައްކަތުގެ 76 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ. އަދި މަސައްކަތްތައް ކުރިއަށްދަނީ ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް ބާރު ސްޕީޑެއްގައި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ޝަރުވަސް ވިދާޅުވި ގޮތުގައި މިހާރު ކުރިއަށްދަނީ ކީވޯލްގެ މަސައްކަތްތަކާއި، ކޮންކްރީޓް، ޕެނަލް އަދި ޖެޓީގެ މަސައްކަތްތަކެވެ. މީގެ އިތުރުން 40 މީޓަރުގެ ޕެނަލް ހަރުކުރުމާއި އެންކަރު އެޅުމުގެ މަސައްކަތްތައް ވެސް ދަނީ ތާވަލާ އެއްގޮތަށް ކުރިއަށެވެ.
"މިހާރުވެސް ހަމަ ޝެޑިއުލާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށްމިދަނީ. ވަރަށް ޓައިޓް ޝެޑިއުލެއް އަދި ރޯދައަށްވެސް ވަރަށް ބޮޑަށް ކުޑަތަންވެފައި މިވަނީ. އެހެންނަމަވެސް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ރޯދަމަހުގެ ކުރިން މި މަސައްކަތް އެއްކޮށް ނިންމާ އާންމުންނަށް ހުޅުވާލެވޭނެކަން،" ޝަރުވަސް ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދާ މަސައްކަތްތައް ނިމުމާއެކު، މަގުގައި ތާރުއެޅުމަށް ވާންޖެހޭ ތައްޔާރީތައް ފެށޭނެއެވެ. މީގެ ތެރޭގައި ފެން ހިންދާ ނިޒާމުތައް ހަރުކުރުމާއި ދުވާރު އެޅުމުގެ މަސައްކަތްތައް ހިމެނެ އެވެ. ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން ތަރައްގީކުރާނެ އެވެ.
އެމްޓީސީސީން ބުނީ މި މަސައްކަތް ނިމުމުން ބާޒާރުމަތީ ސަރަހައްދަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިފައިވާ ޒަމާނީ މަގުތަކަކަށް ވާނެ ކަމަށެވެ. މުޅި މަޝްރޫއުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1,088 މީޓަރުގެ ސަރަހައްދެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށްގެންދިޔަ 140 މީޓަރުގެ މަސައްކަތް އެއްކޮށް ނިންމާލާ ވަނީ ހުޅުވާލާފަ އެވެ. މި މަޝްރޫއަކީ މާލޭގެ އެންމެ ބާރުބޮޑު އެއް ސަރަހައްދު ތަރައްގީކޮށް، އާންމުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.










