މާލެއަށް ކުރަމުންދާ ވިއްސާރައިގައި ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްޤީކުރި ބައިގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި، އެ ސަރަޙައްދުގައި 3 ޕަމްޕު ސްޓޭޝަން ބެހެއްޓުމުގެ ފަހުގެ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބާރުދުވެލީގައި ކުރިއަށް އެބަގެންދެއެވެ.

ބޮޑުތަކުރުފާނު މަގުގެ ޕަމްޕް ސްޓޭޝަން ބެހެއްޓުމުގެ މަސައްކަތް އެމްޓީސީން ކުރަނީ - ފޮޓޯ: އެމްޓީސީސީ
ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރައްވައިގެން ކުރިއަށްގެންދާ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އާންމު ދަތުރުފަތުރަށް މަގު ހުޅުވާލާއިރު ފުރިހަމަކުރަންޖެހޭ އިތުރު މަސައްކަތްތަކެއް މިހާރު ކުރަމުންދާ ކަމަށެވެ. އެގޮތުން މަގުގައި ފެންބޮޑުވާ މައްސަލަ ޙައްލުކުރުމަށް ބަހައްޓާ 3 ޕަމްޕު ސްޓޭޝަންގެ މަސައްކަތް އަދި މުޅިން ފުރިހަމަނުވި ނަމަވެސް، އަންނަ އޯގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެ ޕަމްޕުތައް ބަހައްޓައި، ޓެސްޓުކޮށް، ކޮމިޝަންކޮށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޓީސީސީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ޕަމްޕުތައް ބެހެއްޓުމުގެ މަސައްކަތް ނިމެންދެން ކުރިއަށް އޮތް ދުވަސްތަކުގައި މާލެއަށް ކުރާ މޫސުމީ ވިއްސާރައިގައި ބޮޑުތަކުރުފާނު މަގުގައި ފެންބޮޑުވާނަމަ، އާންމުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށްޓަކައި އެ ކުންފުނީގެ ފަރާތުން އިސްނަގައިގެން ފެން ހިންދުމުގެ ވަގުތީ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރަމުންދާނެއެވެ.
މި މަޝްރޫޢަކީ މާލޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.









