މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އެ މަގުގައި ރުއް އިންދުމަށް ކުރިއަށްގެންދިޔަ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި މަސައްކަތް ނިންމާލާފައިވަނީ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ފޭސް 1 އަދި ފޭސް 2 ހިމެނޭ ސަރަހައްދުގައެވެ. އެއީ ނޯތު ހާބަރުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮތް ސަރަހައްދެވެ.
މި އިނިޝިއޭޓިވްގެ ދަށުން، އެ މަގުގައި ކުރިން އިންދާފައި ހުރި ބައެއް ގަސްތަކުގެ ބަދަލުގައި ވަނީ ރުއް އިންދާފައެވެ. އެމްޓީސީސީން ހާމަކުރި ގޮތުގައި މި ބަދަލު ގެނެސްފައިވަނީ ދިވެހިންގެ ސަގާފަތާއި ތާރީހީ ތަރިކައާ ގުޅޭގޮތަށް، ރާއްޖެވަންތަ މާހައުލެއް ޝަހަރުގެ ތެރޭގައި ގާއިމުކުރުމަށް ދޭ އަހައްމިއްޔަތުކަން ހާމަކޮށްދިނުމުގެ ގޮތުންނެވެ.
މީގެއިތުރުން، މިއީ އެންމެހައި ރައްޔިތުންނަށް ހިތްފަސޭހަ، ފެހިކަން ގަދަ އަދި ދެމެހެއްޓެނިވި ރީތި މާހައުލެއް ބިނާކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ފުރިހަމަކަމެއް ކަމަށްވެސް އެމްޓީސީސީން ފާހަގަކުރެއެވެ.
އެމްޓީސީސީން އަބަދުވެސް އަންނަނީ ގައުމު ބިނާކުރުމުގެ މުހިންމު މަޝްރޫއުތައް ރައްޔިތުންނަށް ފައިދާވާނެހެން ފުރިހަމަކަމާއެކު ކުރިއަށް ގެންދަމުންނެވެ.









