ޣައްޒާ އަލުން ބިނާކުރުމުގެ މަސައްކަތްތަކަށް އެހީތެރިވުމަށް އެއްބިލިއަން ޑޮލަރާއި ދޫކުރަން ތައްޔާރަށް އޮތް ކަމަށް ރަޝިޔާއިން ބުނެފިއެވެ. ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން މިހެން ވިދާޅުވީ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އާއި އެކު މޮސްކޯގައި މަޝްވަރާ ކުރައްވަމުންނެވެ.
ޔުކްރޭނު ހަނގުރާމަ އާއި ގުޅިގެން އެމެރިކާ އާއި ހުޅަނގުން ވަނީ ރަޝިޔާގެ 300 ބިލިއަން ޑޮލަރު ހިފަހައްޓާފައެވެ.
ޕޫޓިން ވިދާޅުވީ ފްރީޒް ކޮށްފައިވާ ރަޝިޔާގެ މުދަލުން ޣައްޒާގެ ކަންތަކަށް 1 ބިލިއަން ޑޮލަރު ދިނުމަށް ނިންމީ އެމެރިކާ އިސްވެ އޮވެ އުފެއްދި “ބޯޑް އޮފް ޕީސް” މެދުވެރިކޮށެވެ.
ނަމަވެސް ޢައްބާސް ފާހަގަކުރެއްވި ގޮތުގައި އެ ފައިސާ ޓްރާންސްފާ ކުރެވޭނީ ރަޝިޔާގެ ފްރީޒް ކޮށްފައިވާ އެސެޓްތައް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން އަންބްލޮކް ކޮށްފި ނަމައެވެ. އެކަމުގައި ގާނޫނީ ކަންތަކެއް ވެސް އެބަހުއްޓެވެ.
“ބޯޑު އޮފް ޕީސް” ގައި ރަޝިއާ ބައިވެެރި ވުމަށް އެމެރިކާ އިން ވަނީ އެދިފައެވެ. ނަމަވެސް މިކަަމުގައި ރަޝިޔާ އިން އަދި ރަސްމީ ކޮށް އެއްޗެއް ނާންގައެވެ.
ރަޝިޔާ އަކީ އަބަދުވެސް ފަލަސްތީނުގެ ހައްގުތަކަށް ތާއީދުކުރާ ގައުމެކެވެ. ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ރަޝިޔާ އިން ތަކުރާރުކޮށް ގޮވާލަމުން ދެއެވެ.






