ސަރުކާރުގެ ސްކޫލްތަކުގައި އޭސީ ހަރުކުރުމަށް ކުރިއަށްގެންދާ "ކޫލް ސްކޫލް" މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
ސަރުކާރުން މި މަޝްރޫއު ކުރިއަށްގެންދަނީ ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެނެވެ. އެ ކުންފުނިން މިހާރު ވަނީ ރަށްރަށުގެ ސްކޫލުތަކަށް ބޭނުންވާ އޭސީތައް އެ ރަށްރަށަށް ފޮނުވައި ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށާފަ އެވެ.
މި މަޝްރޫއަކީ ކްލާސްރޫމްތަކުގެ ހޫނުމިން ގަދަވުމުގެ ސަބަބުން ކިޔަވައިދޭ މުދައްރިސުންނާއި ދަރިވަރުންނަށް ކުރިމަތިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި އިރުޝާދުގެ ދަށުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ފެށި މަސައްކަތެކެވެ.
ފެނަކަ ކޯޕަރޭޝަނުން ހާމަކުރި ގޮތުގައި، ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރުމަށް އަމާޒު ހިފާފައިވާ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ މާލެ ސަރަހައްދުގެ ސްކޫލްތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތެވެ. އެގޮތުން މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ތެރެއިން 75 ސްކޫލެއްގައި މިހާރު ވަނީ އިންޑޯ ޔުނިޓްތައް ހަރުކޮށް ނިމިފަ އެވެ.
އެ ކުންފުނީގެ އަމާޒަކީ އައު ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން މާލެ ސަރަހައްދުގެ ހުރިހާ ސްކޫލެއްގައި އޭސީ ހަރުކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށްވެސް ފެނަކައިން މައުލޫމާތު ދެއެވެ.










