މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، މިހާތަނަށް ޖުމްލަ 85 މީޓަރުގެ ސަރަހައްދެއް ސީޓް ޕައިލް ޖަހައި ނިންމާލައިފި އެވެ.
އެ ސަރަހައްދު އިތުރަށް ތަރައްގީ ކުރުމަށްޓަކައި ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްތައްވެސް ބާރު ސްޕީޑެއްގައި ކުރިއަށްދާއިރު، ފެނާއި ނަރުދަމާގެ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ދަނީ ކުރިއަށެވެ. އަންނަ ހަފުތާގެ ނިޔަލަށް އެ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެ ކަމަށް މުޅި މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން މައުލޫމާތު ދެ އެވެ.
މަޝްރޫއުގެ ދަށުން ކުރިއަށްދާ އެހެނިހެން މަސައްކަތްތަކަށް ބަލާއިރު، އިމާރާތްތަކާވީ ފަޅީގައި ދުވާރު ހެދުމާއި، ފެން ހިންދާ ވަޅު (ކެޗް ޕިޓް) ބެހެއްޓުމުގެ އިތުރުން ކޭބަލް ޖަންކްޝަންތައް ހަރުކުރުމުގެ މަސައްކަތްތައް ހިމެނެ އެވެ. އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، އަންނަ ހަފުތާގެ ނިޔަލަށް މި ހުރިހާ މަސައްކަތްތަކެއް ނިންމާލައި، އެއްވެސް ލަސްވުމެއްނެތި މަޝްރޫއުގެ ދެން އޮތް މަރުހަލާ ފެށޭނެ އެވެ.
މި މަޝްރޫއު އެއްކޮށް ނިމުމުން، މާލޭގެ ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ އެވެ. މި ތަރައްގީގެ މައިގަނޑު އަމާޒަކީ އާންމުންނަށް ރައްކާތެރި، ޒަމާނީ އަދި ހިނގާބިނގާވެ އުޅެން ފަސޭހަ މަގުތަކެއް ގާއިމުކުރުމެވެ. އަދި މީގެ ސަބަބުން ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބި، ޔުޓިލިޓީ ހިދުމަތްތައް ބެލެހެއްޓުން ހަރުދަނާވެ، ވެރިރަށުގެ މާހައުލަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ އެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ފުރަތަމަ ފިޔަވަހީގައި މަސައްކަތް ކޮށްފައިވަނީ އިއްޒުއްދީން ފާލަން ސަރަހައްދެވެ. އެ މަސައްކަތް ތާވަލާ އެއްގޮތަށް ނިންމައި ނިމިދިޔަ މަހު ވަނީ އާންމުންނަށް ހުޅުވާލާފަ އެވެ. މުޅި މަޝްރޫއުގެ ދަށުން ހުޅުމާލެ ފެރީ ޓާމިނަލާ ހަމައަށް ބޭރު މަގު ތަރައްގީ ކުރާނެ އެވެ.





