ފަލަސްތީނުގެ މައްސަލާގައި ވާހަކަދެއްކުމަށް އެމެރިކާ އާއި މިޞްރާއި، ޤަތަރުން ، މިހާރު ޤަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށް ގެންދާ ވާހަކަ ދެއްކުންތައް ވަކިގޮތަކަށް ނިމެންދެން އީރާނުން އިޒްރޭލަށް ހަމަލާ ނުދިނުމަށް އީރާނުން އެއްބަސްވެއްޖެކަމަށް ޤަތަރުން ޚަބަރު ލިބެއެވެ.
މިގޮތަށް އީރާނުން ބުނެފަައިވަނީ މިވާހަކަ ދެއްކުންތަކުގެ ތެރެއިން ޤަތަރުގެ ބޮޑުވަޒީރު ޢަބްދުއްރަޙްމާނު އަށްޘާނީ ، އީރާނުގެ ލީޑަރުންނަށް ފޯނުކުރައްވާ ދެއްކެވިވާހަކަތަކުގެ ތެރޭގައި މިވަގުތު އީރާނުން އިޒްރޭލަށް ހަމަލައެއް ދީފިކަމަށްވާނަމަ ވާހަކަތަކަށް ނޭދެވޭ އަސަރުކޮށްފާނެތީ ހަމަލާ ދިނުން މަޑުޖައްސާލުމަށް އެދިވަޑައިގަތުމުންކަމަށް ބީ.ބީ.ސީ. ގައި ބުނެފައިވެއެވެ.
ޤަތަރާއި މިޞްރާއި އެމެރިކާ ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ، ހަނގުރާމަ ހުއްޓާލައި ރަހީނުން ބަދަލުކުރުމާއި ގުޅޭގޮތުން އެއްބަސްވުމަކަށް އާދެވިދާނެފަދަ ކުރިއެރުން ލިބެމުންދާކަމަށެވެ. ނަމަވެސް ޙަމާސް ގެ އިސް އޮފިޝަލަކު ވިދާޅުވެފައިވަނީ ، އެގޮތަށް ބުނިނަމަވެސް ވާހަކަ ދެއްކުންތަކުން އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާކަމަށެވެ. މިވާހަތަކުގައި ބައިވެރިވުމަށް އިޒްރޭލުން ޤަތަރަށް ދިޔަ ވަފުދުގައި ހިމެނެނީ ، ޖާސޫސީ އިދާރާ މޮސާޑުގެ ވެރިޔާ ޑޭވިޑް ބާރނިޔާ ، އާއި އެއިދާރާގެ މަތީ ފެންވަރުގެ އޮފިސަރުންނެވެ.
ޚަބަރު ލިބޭގޮތުން ވާހަކަތަކުގައި ބައިވެރިވި ވަފުދުގެ ރައްކާތެރިކަމާމެދު ވަފުދުގައި ހިމެނޭ ފަރާތްތަކުގެ ކަންބޮޑުވުން އޮތުމުން ރޭގަނޑު ނިދުމަށް ހަމަޖައްސާފައިވަނީ ، ދަތުރުކުރި މަތިންދާ ބޯޓުގައެވެ. ބައެއް ޚަބަރުތަކުގައި ވާގޮތުން ނިދުމަށް ހަމަޖެހިފައި ވަނީ ގޮތް ނޭނގޭ އެހެން ތަނެއް ގައެވެ.
މިކަމުގައި ފާހަގަ ކުރަންޖެހޭ ކަމަކީ ޢަރަބިންނާއި އެމެރިކާ އާއި އިޒްރޭލު ބައިވެރިވެ ބާއްވާ މިފަދަ ކޮންމެ ވާހަދެއްކުމެއް ނިމޭއިރު އެމެރިކާ އާއި އިޒްރޭލު ބޭނުންވާ ނަތީޖާ ނޫން ނަތީޖާއެއް ނުނެރެވޭކަމެވެ. އަދި އެއްބަސްވުމުންތަކަށް ޢަމަލުކުރުމާއި ނުކުރުމަކީ ހަމައެކަނި އިޒްރޭލަށް އޮންނަ އިޚްތިޔާރެއް ގޮތުގައި ކަންކަން ނިމިގެން ދިޔުމެވެ. އިޒްރޭލުގެ މަޞްލަޙަތު އިސްކުރެވިފައި އޮންނަ ކަމެވެ. ޔަޤިންވާކަމަކީ އިޒްރޭލަށް ވެގެންވާނަމަ ދުވަހަކު ވެސް ފަލަސްތީނުގެ ދައުލަތް މިނިވަންވިޔަ ނުދޭނެކަމެވެ.









