ކުއްލި ހާލަތަށް ތައްޔާރުވާން ފުލުހުންނާއި އެމްއޭސީއެލުން އެއްބަސްވުމެއް!

މުހައްމަދު ޖަމްޝަތު | 16 ދުވަސް ކުރިން - 29 ޑިސެންބަރު 2025 22:01
އެމްއޭސީއެލް އާއި މޯލްޑިވްސް ޕޮލިސް ސާވިސް އިން އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން---ފޮޓޯ: އެމްއޭސީއެލް
އެމްއޭސީއެލް އާއި މޯލްޑިވްސް ޕޮލިސް ސާވިސް އިން އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން---ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

މި އެމްއޯޔޫގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތްތަކާއި ކާރިސާތަކުގައި، ފުލުހުންނާއި އެއާ ޓްރެފިކް ސާވިސަސް ގުޅިގެން މަސައްކަތް ކުރަން ވަނީ އެއްބަސްވެޮފަ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ދިމާވެދާނެ ކުއްލި ހާލަތްތަކުގައި ގުޅިގެން މަސައްކަތް ކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މޯލްޑިވްސް ޕޮލިސް ސާވިސް އަދި މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސަސް (އެމްނެޓްސް) އާއެކު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ހުޅުލޭ އައިލެންޑް ހޮޓަލުގައި މިއަދު ބޭއްވި ހަފުލާއެއްގައި އެކަމުގެ އެއްބަސްވުމުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ސޮއިކުރެއްވީ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީންއެވެ. އެމްނެޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ތޯހާއެވެ.

މި ދެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދުއެވެ.

އެމްއޭސީއެލް މައުލޫމާތުދޭ ގޮތުގައި މިއަދު ސޮއިކުރި އެއްބަސްވުމުގައި ކުއްލި ނުރައްކަލުގެ ހާލަތްތަކާއި ކާރިސާތަކުގައި، ވީއަައިއޭގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރުކުރުމަށްޓަކައި، ފުލުހުންނަށާއި އެމްނެޓްސް އަށް ކަނޑައަޅާފައިވާ ދައުރުތަކާއި ޒިންމާތައް އަދި އުސޫލުތައް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން މި އެއްބަސްވުމުގެ ސަބަބުން ފުލުހުން އަދި އެމްނެޓްސްގެ ތަޖުރިބާ އާއެކު ކާރިސާތައް މެނޭޖުކުރުމުގެ ގާބިލުކަން އިތުރުކުރުމަށާއި މުއާސަލާތީ ގުޅުމާއި ކޯޑިނޭޝަން ހަރުދަނާކުރުމަށާއި މެދުނުކެނޑި ކަންކަން އިސްލާހުކޮށް ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށް ބުންޏެވެ.

ހަފުލާގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ, ވީއައިއޭއަކީ ރާއްޖޭގެ އިގުތިސާދު އޭގެ މައްޗަށް ބިނާވެގެންވާ އެއް ފެސިލިޓީއަށްވާއިރު, މިއަދު ސޮއިކުރި އެއްބަސްވުންތަކަކީ ވަރަށް މުހިންމު އެއްބަސްވުންތަކެއް ކަމަށެވެ. އަދި ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވެ ތިބުމަށް އެކި މުއައްސަސާތަކާއެކު އެމްއޭސީއެލް އިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފު މުހައްމަދު އިތުރަށް ވިދާޅުވީ ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް އެމްއޭސީއެލް އަބަދުވެސް އޮންނާނީ ތައްޔާރަށް ކަމަށާއި އެކަން އެންމެ ފުރިހަމައަށް ކުރެވޭނީވެސް ފުލުހުންނާއި އެމްނެޓްސްގެ އިތުރުން ސިއްހީ އިދާރާތަކާއި އެހެނިހެން އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަ ކުރެވިގެން ކަމަށެވެ.

ހަފުލާގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ އެއާޕޯޓުގެ އިމަޖެންސީ ކަންކަމުގައި އެމްއޭސީއެލް އާއެކު ފުލުހުން ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެމްއޭސީއެލް ކޮންމެ ކަމަކަށްވެސް ފުލުހުންގެ އެހީތެރިކަން ލިބިގެންދާނެ ކަމަށާއި މިއަދު ސޮއިކުރި އެއްބަސްވުމާއެކު އެމްއޭސީއެލް އާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާވެ, އެއާޕޯޓް ބޭނުންކުރާ އެންމެންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެމްނެޓްސްގެ އެމްޑީ އިބްރާހިމް ތޯހާގެ ވާހަކަފުޅުގައި މިފަދަ މުހިންމު އެއްބަސްވުމެއް ގާއިމުކުރުމަށްޓަކައި އެހީތެރިވި ހުރިހާ ބޭފުޅުންނަށް, ހާއްސަކޮށް އެއާޕޯޓް އިމަޖެންސީ ސާވިސަސްގެ ޓީމަށް ޝުކުރު އަދާކުރެއްވިއެވެ.

މިއަދުގެ ހަފުލާގައި ފުލުހުންގެ އިސްވެރިންނާއި އެމްނެޓްސްގެ އިސްވެރިން އަދި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%