ފްލެޓުތައް އަޅަން ދިވެހި ކުންފުނިތަކާވެސް ހަވާލުކުރާނެ، އަންނަ މަހު 3000އަށްވުރެ ގިނަ ފްލެޓްގެ އަމަލީ މަސައްކަތް ފަށާނެ: ބީއެމްއެލް

މުހައްމަދު ޖަމްޝަތު | 16 ދުވަސް ކުރިން - 29 ޑިސެންބަރު 2025 21:44
އެފޯޑަބަލް ހައުސިން ޔުނިޓްތައް އެޅުމުގެ މަޝްރޫއުގެ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ:ބީއެމްއެލް
އެފޯޑަބަލް ހައުސިން ޔުނިޓްތައް އެޅުމުގެ މަޝްރޫއުގެ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ:ބީއެމްއެލް
ޚުލާސާ

މި މަޝްރޫއުގެ ދަށުން މިއަދު ވަނީ 2،341 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ބޭރުގެ ދެ ކުންފުންޏަކާ ހަވާލުކޮށްފަ. ޖެނުއަރީގައި އަމަލީ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައި

ބީއެމްއެލް އެފޯޑަބަލް ހައުސިން ޔުނިޓްތަކުގެ މަސައްކަތް ދިވެހި ކުންފުނިތަކާވެސް ހަވާލުކުރުމަށް ނިންމާފައިވާކަމަށް ބީއެމްއެލްއިން ބުނެފިއެވެ.

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީއިން ހުޅުމާލޭގައި އަލަށް އިމާރާތްކުރާ އެފޯޑަބަލް ހައުސިން ޔުނިޓްތައް އިމާރާތްކުރުމުގެ ދެ މަޝްރޫއެއްގެ މަސައްކަތް މިއަދު ވަނީ ހަވާލުކޮށްފައެވެ. މި ދެ މަޝްރޫެއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް އާއި ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން އަށެވެ. އޭގެ ތެރެއިން ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް އަށް 1،117 ހައުސިން ޔުނިޓް ތަރައްގީކުރަން ހަވާލުކުރި އިރު ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން އަށް 1،224 ހައުސިން ޔުނިޓުގެ މަސައްކަތް ވަނީ ދީފައެެވެ.

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީ މެދުވެރިކޮށް، ޖުމްލަ 3000 ހައުސިން ޔުނިޓް ތަރައްގީކުރުމަށް ނިންމައި އެކަމަށް ބޭނުންވާ ބިންވެސް ސަރުކާރުން ވަނީ ހަވާލުކޮށްފައެވެ.

ބީއެމްއެލްގެ ސްޕޯކްސްޕާސަން މުހައްމަދު ސައީދު އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވީ ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކުންފުނިން މިއަދު މަސައްކަތް ހަވާލުކުރި ހައުސިން ޔުނިޓްގެ އިތުރުން ދިވެހި ކޮންސްޓްރަކްޝަން ކުންފުނިތަކާއެކު އިތުރު ހައުސިން ޔުނިޓްގެ މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެއާއެކު ޖުމުލަ 3000 އަށް ވުރެ ގިނަ ހައުސިން ޔުނިޓް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް މިއަންނަ ޖަނަވަރީމަހު ފެށޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން ހައުސިން ޔުނިޓް ތަރައްގީކުރުމުގެ މަޝްރޫއު ހިންގަނީ ވިލިމާލެ އަދި ހުޅުމާލެ ފޭސް 1 އަދި ފޭސް 2ގައެވެ. އެއީ ވިލިމާލޭގައި 300 ހައުސިން ޔުނިޓް އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައި ޖުމުލަ 2700 ހައުސިން ޔުނިޓެވެ. މިއަދު ހަވާލުކޮށްފައިވަނީ އޭގެތެރެއިން 2،341 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތެވެ.

މި މަޝްރޫއު ކުރިއަށްގެންދާ ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީ އުފައްދާފައިވަނީ އެމްއެމްއޭގެ އައިއެންއޭއެޗް ސިޔާސަތު ތަންފީޒުކުރުމަށް ހާއްސަކޮށްފައިވާ ބެންކުގެ ސަބްސިޑީއެއްގެ ގޮތުގައެވެ. އަދި އެ ކުންފުނި ހިންގަމުންދަނީ އެމްއެމްއޭގެ ހުއްދައާއެކު، ޝަރީއާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. ބޭންކް އޮފް މޯލްޑިވްސް އާއި އެ ބޭންކުގެ ސަބްސިޑަރީ ކުންފުނިން އަންނަނީ ގައުމީ ބޯހިޔާވަހިކަމުގެ އިސްކަންދޭ ކަންކަމަށް އެއްބާރުލުން ދިނުމަށާއި އެންމެންނަށް ބައިވެރިވެވޭ އަދި ހަރުދަނާ މާލީ ނިޒާމެއް ގާއިމުކުރުމަށް އެމްއެމްއޭ އިން ގެންގުޅޭ ތަސައްވަރާ އެއްގޮތަށް ހެޔޮ އަގެއްގައި އަމިއްލަ ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު އިތުރުކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކޮށްދެމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%