މާލޭ ސަރަހައްދުގެ ވައި ނުސާފުވެ، އާންމު ސިއްހަތަށް ނުރައްކާ މިންވަރަށް ވައިގެ ނުސާފުކަން މައްޗަށް ގޮސްފައިވާ ކަމަށް އެއާ ކޮލެޓީ އިންޑެކްސް (އޭކިއުއައި) އިން ދައްކައިފި އެވެ.
އެއާ ކޮލެޓީ އިންޑެކްސްއިން ދައްކާގޮތުގައި މާލޭ ސަރަހައްދުގެ ވައިގެ ކޮލެޓީ ހުރީ 177 ޔޫއެސް އޭކިއުއައި ގައެވެ. ވައި ނުސާފުކަމުގެ މިންގަނޑު 151 ޔޫއެސް އޭކިއުއައި އާއި 200 ޔޫއެސް އޭކިއުއައި އާއި ދެމެދުގައި ހުންނަކަމަށް ވަނީ ނަމަ، ސިއްހީގޮތުން ނޭދެވޭ އަސަރުތައް ކުރުމަށް މަގުފަހިވެ އެވެ. މިކަމުގެ ސަބަބުން ފުއްޕާމެއާއި ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު އެންމެނަށް ވެސް އޮންނާނެ އެވެ.
މާލޭގެ އިތުރުން ދެން އެންމެ ބޮޑަށް ވައިގެ ކޮލިޓީ ދަށީ ދ. ކުޑަހުވަދޫއަށެވެ. އެގޮތުން އެ ރަށުގެ ވައިގެ ކޮލިޓީ ހުރީ 172 ޔޫއެސް އޭކިއުއައި ގައެވެ. މާލެ ސަރަހައްދާއި ކުޑަހުވަދޫގެ ވައި ނުސާފު މިންވަރު ހުރީ އާންމު ސިއްހަތަށް ނުރައްކާވާ ފަދަ މިންވަރަކަށްވުމުން އެޗްޕީއޭއިން ވަނީ އެ ސަރަހައްދަށް ރެޑް އެލާޓް ވެސް ނެރެފަ އެވެ.
އެއާ ކޮލެޓީ އިންޑެކްސްއިން ދައްކާގޮތުގައި ޕީއެމް 2.5 މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 90 މައިކްރޯ ގްރާމްގަ އެވެ. މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ އެންމެ ދަށް މިންވަރަށް ވުރެ 18 ގުނަ މަތީ މިންވަރެކެވެ.
މާލޭ ސަރަހައްދުގެ ވައި ނުސާފުވެފައިވާތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ މި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފަ އެވެ. އެގޮތުން ބޭރަށް ނުކުމެ އުޅޭއިރު މާސްކު ފަދަ ތަކެތި ބޭނުންކުރުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެ އެވެ.






