އަންނަ އަހަރު އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ޓެންޑާ ބޯޑުގެ ކުރީގެ ޗެއާމަން އސްމާއިލް ޒަރިޔަންދު ވާދަކުރައްވާނެ ކަމަށް ރައީސް ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) އިން އިއުލާނުކޮށްފި އެވެ.
އެ ޕާޓީން މިކަން އިއުލާނުކުރެއްވީ މިރޭ އޮތް އެޕާޓީން "ރިސެޓް" ނަމުގައި ބޭއްވި ޖަލްސާގަ އެވެ. ރައީސް ޔާމީން އާއި ޒަރިޔަންދުގެ ފޮޓޯއެއް އާންމުކުރައްވާ ޕީއެންއެފްގެ އެކްސް އެކައުންޓުން ވެސް ވަނީ "ގައުމީ މަޔޯރަލް ކެންޑިޑޭޓް އިސްމާއިލް ޒަރިޔަންދު" މިހެން ޖަހައި އެ ޕާޓީގެ ކެނޑިޑޭޓް އިއުލާނުކޮށްފަ އެވެ.
މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޒަރިޔަންދު ވިދާޅުވީ އެ މަގާމަށް ކުރިމަތިލައްވަން ނިންމެވީ ރައީސް ޔާމީން ދެއްވި ހިތްވަރާއެކުގައި ކަމަށެވެ.
ފިނޭންސް މިނިސްޓްރީގައި މަސައްކަތް ކުރެއްވި ޒަރިންދަކީ އޭގެ ކުރިން އޮޑިޓާ ޖެނެރަލްސް އޮފީހުގައި 20 އަހަރު ދުވަހު މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި މީގެ އިތުރުން ގައުމީ ފުޓްބޯޅަ ޓީމުގެ ކީޕަރުކަން ވެސް ކުރި ބޭފުޅެކެވެ.
ޕީއެންއެފްއިން ޒަރިޔަންދު މާލޭގެ މޭޔަރު ކަމަށް ނިކުންނަ އިރު ޕީއެންސީގެ ފަރާތުން ނިކުންނަނީ ނިޝާން އިއްޒަތުގެ ވެރިޔާ މޫސާ އަލީ ޖަލީލެވެ.
މޭޔަރު ކަމުގެ ގޮނޑިއަށް އެމްޑީޕީން މިހާތަނަށް ދެ ބޭފުޅަކު ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު އެ ޕާޓީގެ ތެރޭގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފަ އެވެ. އެ ޕާޓީން ޕްރައިމަރީގައި ވާދަކުރައްވަނީ އަލީ އާޒިމާއި މިހާރުގެ މޭޔަރު އާދަމް އާޒިމެވެ.






